އަތޮޅުތައް

ފުވައްމުލަކު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް


ފުވައްމުލަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެކަމަށް އުންމީދު ކުރައްވާކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ހާމަކުރައްވައިފިއެވެ.

ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްގޮތަށް ފުވައްމުލަކަކީވެސް ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށެކެވެ. ރާއްޖޭގެ އެހެން އަތޮޅުތަކާއި ޚިލާފަށް ފުވައްމުލަކަކީ އެއް ރަށެއްގެ ގޮތުގައި އުފެދިފައި އޮންނަ އަތޮޅެކެވެ. ފުވައްމުލަކު އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި، ރަށް ގިރުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަވާން ފެށީ އެރަށު ބަނދަރު ހެދުމުގެ ކުރިން ރަށުގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރައްޔިތުން ނުކުމެ ނެރެއް ކަނޑާ ފުންކުރި ހިސާބުންކަމަށެވެ. އޭގެ ފަހުން އެސަރަހައްދުގެ ބޮޑު ބައެއް ގިރަންފެށުމުން އެކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ތޮއްޓެއް ލައިގެން އެސަރަހައްދު ހިޔާމަތް ކުރެއްވިއެވެ. ރަށުގެ ވަށައިގެން ރާޅު މުގުރާ މިރަށުގެ ބަނދަރު ހެދުމުގެ ކުރިން ފުވައްމުލަކަކީ ލަފާފުރުމުގެ ދަތިކަން ރާއްޖޭގައި އެންމެ ބޮޑަށް ދިމާވެފައިއޮތް ރަށެވެ. ލަފާ ފުރުމުގެ ތެރޭގައި ހިތާމަވެރި އެތަކެއް ހާދިސާތަކެއް ހިނގާ، ބައެއް މީހުންގެ ފުރާނަ ގެއްލި، އެތައް މިލިޔަން ރުފިޔާގެ ގެއްލުންތަކެއް ވެފައިވާތީ އެރަށުގައި ބަނދަރެއް ހަދަން ކޮންމެހެން މަޖުބޫރުވިއެވެ.

ރަށުގެ ކޮންމެ ދިމާލަކުން ބަނދަރު ހެދިކަމުގައިވިޔަސް އޭގެ ސަބަބުން ރަށް ގިރުމުގެ މައްސަލަ ކުރިމަތިވާނެކަން ބަނދަރު ހެއްދެވިއިރުވެސް އެނޑިވަޑައިގެންނެވިކަން އެއަތޮޅު އަތޮޅު ކައުންސިލުން ފާހަގަކުރެއްވިއެވެ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ އަހުމަދު މުހައްމަދު ވިދާޅުވީ، ރަށުގެ އުތުރު ފަރާތުގެ އެކި ދިމަދިމާލުން ސަތޭކަ ފަންސާސް ފޫޓް މިހާރު ގިރައިގެން ގޮސްފައިވާކަމަށެވެ.

ފުވައްމުލަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރެއްވުމުގެ ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް އެ އަތޮޅު ކައުންސިލުން ވިދާޅުވެއެވެ. މި މަސައްކަތުގެ ދަށުން ބޭރުގެ ދެ ކުންފުންޏަކާއި ހަވާލުކުރައްވައިގެން ގިރާ ސަރަހައްދުގެ ސާވޭތަކެއް ކޮށްފައިވާކަމަށްވެސް ކައުންސިލުން ފާހަގަކުރައްވައެވެ. ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރުމަށް ކުރަންޖެހޭ އަމަލީ މަސައްކަތް ކުރިޔަށް އޮތް 6 މަހެއްހާ ދުވަހުގެތެރޭގައި ފެށޭނެކަމަށް އުންމީދު ކުރައްވާކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.