ޚަބަރު

އިމާރާތްކުރުމުގެ ސިނާއަތް ކުރިއަރައި އިމްޕޯޓް އަދި ލޯނު ދޫކުރި މިންވަރުވެސް އިތުރުވެއްޖެ


  • އިމާރާތްކުރުމުގެ ސިނާއަތުގެ އިމްޕޯޓް %16 އިތުރު

  • އިޤްތިޟާދުގެ މައިގަނޑު ހުރިހައި ސިނާއަތަކަށް ކުރިއެރުން ލިބުނު

ހުޅުމާލެ ދެވަނަ ފިޔަވައްސާ ފުރަތަމަ ފިޔަވަހި ގުޅޭ ސަރަޙައްދު / ފޮޓޯ: އެޗްޑީސީ

މިއަހަރުގެ ފުރަތަމަ ކުއާރޓަގައި އިމާރާތްކުރުމުގެ ސިނާއަތް ކުރިއަރައި އެ ސިނާއަތުގެ އިމްޕޯޓް އަދި ލޯނު ދޫކުރި މިންވަރު އިތުރުވެއްޖެއެވެ.

އިމާރާތްކުރުމުގެ ސިނާއަތަކީ ރާއްޖޭގައި ހަލުވިކަމާއިއެކު ކުރިއަރަމުން އަންނަ ސިނާއަތެކެވެ. މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ ކުއާރޓަލީ އެކޮނޮމިކް ބުލެޓިން ރިޕޯޓުން ދައްކާގޮތުން ރާއްޖޭގެ އިމާރާތްކުރުމުގެ އަދި ރިއަލް އެސްޓޭޓްގެ ދާއިރާ ފުރަތަމަ ކުއާރޓަގައި ވަނީ ކުރިއެރުން ހޯދާފައެވެ.

މި ރިޕޯޓުން ދައްކާގޮތުން އިމާރާތްކުރުމުގެ ސިނާއަތައް ބޭނުންވާ ތަކެތި އިމްޕޯޓްކޮށްފައިވާ މިންވަރު މިއަހަރުގެ ފުރަތަމަ ކުއާރޓަގައި ވަނީ %16 އިތުރުވެފައެވެ. އަދި އިމާރާތްކުރުމުގެ ސިނާއަތައް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ އަދަދުވެސް ވަނީ %13 އިތުރުވެފައެވެ.

އއ.އުކުޅަހު "ނަލަ ވެލި ވިލާ" ގެސްޓްހައުސް. ފޮޓޯ:ގޫގުލް/އަގޯޑާ

އިމާރާތްކުރުމުގެ ސިނާއަތައް ދޫކޮށްފައިވާ ލޯނުގެ އަދަދު އިތުރުވެފައިވާއިރު އެމްއެމްއޭގެ ރިޕޯޓުން ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ ކުއާރޓަގައި ހައުސިން މަޝްރޫތަކަށް އަދި ރިސޯޓް އިމާރާތްކުރުމާއި މަރާމާތުކުރުމަށް ދޫކޮށްފައިވާ ލޯނުގެ އަދަދުވެސް އިތުރުކަމަށެވެ. އަދި މި ކުއާރޓަގެ ތެރޭގައި ގެސްޓްހައުސްތައް އިމާރާތްކުރުމަށް ދޫކޮށްފައިވާ ލޯނުގެ އަދަދުވެސް އިތުރުކަމަށް މި ރިޕޯޓްގައި ވަނީ ބުނެފައެވެ.

އިމާރާތްކުރުމުގެ ސިނާއަތް އަހަރުގެ ފުރަތަމަ ކުއާރޓަގައި ކުރިއެރުން ހޯދާފައިވާއިރު އިޤްތިޟާދުގެ މައިގަނޑު އެހެން ސިނާއަތްތައްވެސް ވަނީ ކުރިއެރުން ހޯދާފައެވެ. އެގޮތުން މަސްވެރިކަމާއި އަދި ފަތުރުވެރިކަން ހިމެނެއެވެ. މަސްވެރިކަމުގެ ސިނާއަތުން އޭގެ ކުރީ އަހަރުގެ ފުރަތަމަ ކުއާރޓާއި އަޅާބަލާއިރު %5 ކުރިއެރުމެއް ވަނީ ހޯދާފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް މިދިޔަ އަހަރުގެ 4 ވަނަ ކުއާރޓައާއި އަޅާބަލާއިރު ވަނީ %14 ކުރިއެރުމެއް ހޯދާފައެވެ.

އަހަރުގެ ފުރަތަމަ ކުއާރޓަގައި ރާއްޖެއަށް 632,422 ފަތުރުވެރިން ވަނީ އައިސްފައެވެ. އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި މިހާރު ފުރަތަމަ ކުއާރޓައެއްގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި އަހަރެވެ.