ޚަބަރު

ޚާއްސަ ތަމްރީނުތަކެއް ލިބިގެން ނޫނީ އުޅަނދުފަހަރުގައި މަސައްކަތް


އަންނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން ވަކި ކަހަލަ ޚާއްސަ ތަމްރީނުތަކެއް ލިބިގެން މެނުވީ ރާއްޖޭގެ އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކަށް އެ މަސައްކަތް ނުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އުޅަނދުތައް ދުއްވާ މީހުންނަށް ޚާއްސަ ތަމްރީނުތަކެއް ދިނުމަށް 3 އިންސްޓިޓިއުޓެއް މިނިސްޓްރީން ގާއިމުކުރައްވާ އެތަންތަނުން މިހާރު ވަނީ ޚިދުމަތް ދެއްވަން ފައްޓަވާފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގެޒެޓްކުރި، ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދުގެ ދަށުން ވަކި ކަހަލަ ޚާއްސަ ތަމްރީނުތަކެއް ލިބިފައި ނެތްފަރާތްތަކަށް ރާއްޖޭގައި ދުއްވާ އުޅަނދުފަހަރުތަކުގައި ނޫޅެވޭ ގޮތަށް މަޖުބޫރުކުރެއެވެ.

އެހެންކަމުން ރާއްޖޭގެ އުޅަނދުތަކުގައި ތިބޭ މީހުންނަކީ ވަކި ކަހަލަ ސަނަދެއް އޮތް ބަޔަކަށް ހެދުމުގެ ގޮތުން އެމިނިސްޓްރީން ވަނީ މި ތަމްރީނުތައް ހިންގުމަށް 3 އިންސްޓިޓިއުޓަކަށް ހުއްދަ ދެއްވާފައެވެ. އެއީ ޔުނިވާރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްއާއި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އާއި އެކަޑަމީ އޮފް އިންޓަރނޭޝަނަލް މެރިޓައިމް އެންޑް މެނޭޖްމަންޓެވެ.

މީގެ ތެރެއިން ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްއަށް ވަނީ ނިޔަމިކަމުގެ ސެޓްފިކެޓް 2 ހިންގުމުގެ ހުއްދަ ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކުރިން އެ ސެންޓަރަށް ނިޔަމިކަމުގެ ސަނަދަށް ސެޓްފިކެޓް ހޯދައިދިނުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އޭގެ އިތުރަށް އަމިއްލަ ދެ އިންސްޓިޓިއުޓްއަށް ނިޔަމިކަމުގެ ސެޓްފިކެޓް 2 ހިންގުމުގެ ހުއްދަ ދީފައިވާއިރު، ފަޅުވެރިންގެ ސެޓްފިކެޓް ހިންގުމުގެ ހުއްދަވެސް ވަނީ ދީފައެވެ. މި 3 އިންޓިޓުއުޓްގައިވެސް ކޯސް ހިންގުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މި ކޯސްތަކުގެ ތެރެއިން ނިޔަމިކަމުގެ ސަނަދުގެ ކޯހަކީ އެއްމަސްދުވަހުގެ ކޯހެކެވެ. ނިޔަމިކަމުގެ ސެޓްފިކެޓް ލެވެލް 2 ގެ ކޯހަކީ 2 ހަފްތާގެ ކޯހެކެވެ. އަދި ފަޅުވެރިންގެ ކޯހަކީ 2 ދުވަހުގެ ކޯހެކެވެ.

އެ މިނިސްޓްރީން ވިދާޅުވީ މި ތަމްރީނުތައް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ތިބޭ ފަރާތްތައް އެ ތިބިތަނަކަށް ގޮސްގެން އެ ތަމްރީނުތައް ދެވޭނެ ގޮތްތަކަށް ކަމަށެވެ. މި ކޯސްތައް ފަރުމާކޮށްފައި މިވަނީ ކަނޑުމަތީގައި އުޅަނދު ފަހަރު ދުއްވުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތުތަކެއް އެފަރާތްތަކަށް ފޯރުކޮށްދީގެން އޭގެ މައްޗަށް ބިނާކޮށް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ހުސައިން ނަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގައި އެއުޅަނދު ދަތުރުކުރާ ކެޓަގަރީއަކާ ގުޅޭ ގޮތުން ކެޕްޓަނާއި ފަޅުވެރިން ތިބެންވާނެ ކަމަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ޤަވާއިދުގައިވާއިރު ކެޕްޓަންއާއި ފަޅުވެރިންގެ އަތުގައިވެސް ޚާއްސަ ސަނަދަކާއި ލައިސަންސެއް އޮންނަންޖެހެއެވެ.