ޚަބަރު

ޑިމޮކްރަސީގެ ނިޒާމު ދެމެހެއްޓުމަށް އުސޫލުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުން މުހިންމު: ހީނާ


  • ކުރިން އެންގުމާ ނުލާ ސިޔާސީ އެއްވުން ބޭއްވޭނެ އިތުރު ތަންތަން ކަނޑައަޅާދީފައިވާކަމަށް

  • ކުރިން އެއްވުން ބޭއްވެނީ ކާނިވާ ސަރަޙައްދުގައި އެކަނި

  • ރިވެތި ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް އެއްވުން ބޭއްވުމަށް ވަނީ އެދިފައި

ސިޔާސީ އެއްވުންތަކާއި ހަރަކާތްތައް ބޭއްވުމުގައި، ކަނޑައެޅިފައިވާ ރިވެތި ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކުރިއަށްގެންދިއުމަކީ ޑިމޮކްރަސީގެ ނިޒާމު ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވަލީދު މިހެން ވިދާޅުވެފައި މިވަނީ އެއްވުމުގެ ހުއްދަ ނެތް ތަނެއްގައި އިދިކޮޅު ސިޔާސީ ޕާޓީއަކުން ހަރަކާތެއް ބާއްވާނެކަމަށް ދޭހަވާގޮތަށް އެޕާޓީން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުރިހަމަ ޑިމޮކްރަސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިންމާދާރު ސިޔާސީ ޙަރަކާތްތައް ހިންގުމާއި، ޤައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއްކަމަށެވެ. އަދި ކުރިން ހުއްދަ ނެގުމަކާނުލައި، މީގެކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަޙައްދުގައި އެކަނިކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ، ނަމަވެސް އެކަން ބަދަލުކޮށް މިސަރުކާރުން ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު)، އުސްފަސްގަނޑާއި ރަސްފަންނަކީވެސް ކުރިން ހުއްދަ ނެގުމަކާނުލާ ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފައިވާކަމަށެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައިވާގޮތުން މިތަންތަނުގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންދެވޭނީ ދިވެހި ފުލުހުންގެ ޚިދުމަތުން ލިއުމުން ދޭ ހުއްދައާއެކުއެވެ.

މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި، ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފް ލޯ އާއި ޑިމޮކްރަސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިންމު އަދި އެހާމެ ރިވެތި އަސާސެއްކަމަށެވެ.