ރެއާލް މެޑްރިޑްގެ ފޯވަޑް ކިލިއަން އެމްބާޕޭ އަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި އެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ސައުދި އަރަބިއްޔާގެ އަލް ހިލާލް އާއި ދެކޮޅަށް
ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ. އަދި އެ މެޗުގެ ކުރިން ބޭއްވި އެ ކްލަބުގެ ފަރިތަކުރުންތަކުގައިވެސް އެމްބާޕޭ ބައިވެރިވެފައެއް ނުވެއެވެ.
ރެއާލް މެޑްރިޑް އާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އުމުރުން 26 އަހަރުގެ އެމްބާޕޭ ބޭރަށް ހިންގާ ހޮޑުލެވޭއިރު އޭނާއަށް ފަރުވާ ދިނުމަށްފަހު އެ ޓީމުގެ މެޑިކަލް ޓީމުގެ ބެލުމުގެ ދަށުން ފަރުވާ ކުރިއަށް ގެންދާ ކަމަށެވެ.
ކްލަވް ވޯލްޑް ކަޕްގައި އަންނަ އާދިއްތަ ދުވަހު މެކްސިކޯގެ ޕަޗޫކާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުގައި އެމްބާޕޭ އަށް ކުޅެވޭވަރު ނުވާނަމަ ގްރޫޕުގެ ފަހު މެޗުގައި އޭނާ ފެށުމަކީ އެކަށީގެންވާ ކަމެކެވެ. ގްރޫޕްގެ ފަހު މެޗުގައި ރެއާލް މެޑްރިޑް އާއި ދެކޮޅަށް ނިކުންނާނީ އޮސްޓްރިއާގެ ރެޑްބުލް ސަލްސްބަރގް އެވެ.
ފްރާންސްގެ ޕީއެސްޖީ އިން ރެއާލް މެޑްރިޑް އާއި ގުޅުނު އެމްބާޕޭ ވަނީ މިދިޔަ ސީޒަނުގައި އޭނާ ކުޅުނު 56 މެޗުގައި 43 ލަނޑު ޖަހާފަ އެވެ.
މި މުބާރާތަކީ ރެއާލް މެޑްރިޑްގެ ކޯޗު ކަމުން ކާލޯ އެންޗެލޮއްޓީ ވަކިވުމަށްފަހު އެ ޓީމުގެ ކޯޗު ކަމާއި އަލަށް ހަވާލުވި ޒަބީ އަލޮންސޯގެ ދަށުން އެ ޓީމު ކުޅޭ ފުރަތަމަ މުބާރާތެވެ.