ޚަބަރު

ބޭހާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ޕާކިސްތާނާއެކު މަޝްވަރާކޮށްފި


  • ސިއްޙީ ވުޒާރާގެ އިސްވެރިންގެ ޓީމެއް ޕާކިސްތާނަށް ވަނީ ޒިޔާރަތްކޮށްފަ

  • ސިއްޙީ ދާއިރާގެ އެކި އިދާރާތަކާއެކު ދަނީ ބައްދަލުވުންތައް ބާއްވަމުން

ބޭހާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އާއި އެކު ސިއްޙީ ވުޒާރާއިން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ސިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން މިބައްދަލުވުމުގައި ރެގިއުލޭޓަރީ ކޯޕަރޭޝަން ހަރުދަނާކުރުމާއި، ބޭހުގެ ކޮލިޓީ އެޝުއަރެންސް އިތުރުކުރުމާއި، ބޭސް އިމްޕޯޓް/އެކްސްޕޯޓް ކުރުމުގެ ނިޒާމުތައް ރަނގަޅުކުރުމާއި، ކެޕޭސިޓީ ބިލްޑިންގ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ދެފަރާތުން ވަނީ މަޝްވަރާކޮށްފައެވެ.

ރާއްޖޭގައި ބޭހާ ގުޅިގެން ހުރި މައްސަލަތައް ޙަލުކުރުމަށް ސަރުކާރުން ދަނީ މުހިންމު ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މިދިޔަ އަހަރު ވަނީ 213 ބޭހެއްގެ އަގު ކޮންޓްރޯލްކޮށްފައެވެ. އަދި އެސްޓީއޯގެ ބޭސް ސަޕްލައި ހަރުދަނާކޮށް، އަސާސީ ބޭސްތައް އެސްޓީއޯ މެދުވެރިކޮށް ގެނައުމުގެ މަސައްކަތް ވަނީ ހަރުދަނާކޮށްފައެވެ. އަދި މެދުވެރިކެނޑުމެން ނެތި ބޭސް ރާއްޖެ އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް، ބޭރުގެ ބައެއް ޤައިމުތަކާ ގުޅިގެން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ސިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނަށް ކުރައްވަމުންދާ ދަތުރުގައި، ޕާކިސްތާނުގެ ނަރސިންގ އެންމ މިޑްވައިފަރީ ކައުންސިލް އެންޑް ޔުނިވަރސިޓީގެ އިސް ބޭފުޅުންނާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގަ ވަނީ ނަރުހުންގެ މަސައްކަތުގެ ހުނަރުތައް ތަރައްޤީކުރުމާއި ގުޅިގެން ތަމްރީން ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.