ޚަބަރު

ޕައިލެޓުކަން ކިޔަވަން ސްކޮލަރޝިޕްތައް ދިނީ ޑިމާންޑަށް ބެލުމެއް ނެތި، މިއަދު ފެންނަމުންދަނީ އޭގެ ގެއްލުން: ވަޒީރު އަމީން


  • އަހަރަކު އިތުރުވަނީ ޕައިލެޓުންގެ ވިއްސަކަށް ވަޒީފާ

  • 500އެއްހާ ސްކޮލަރޝިޕް މިދާއިރާއިން މިދިޔަ ދަޢުރުގައި ދިން

  • ވަޒީރު ވިދާޅުވީ އިތުރަށް މި ދާއިރާއިން ސްކޮލަރޝިޕަށް ހުޅުވާލަން ނުވިސްނާކަމަށް

ވޭތުވެދިޔަ ސަރުކާރުގައި ޕައިލެޓު ޓްރެއިނިން ހަދަން ސްކޮލަރޝިޕް ދީފަވަނީ ރާއްޖޭގެ އޭވިއޭޝަން ވަޒީފާގެ މާކެޓަށް ބެލުމެއް ނެތިކަމަށާއި، މިއަދު ދަރިވަރުންނަށް ކުރިމަތިވަމުންދަނީ އޭގެ ގެއްލުންކަމަށް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ޕައިލެޓުކަން ކިޔަވައިގެން އަންނަ ދަރިވަރުންނަށް ވަޒީފާ ނުލިބުމުގެ މައްސަލައަކީ ކަންބޮޑުވުން ބޮޑު މައްސަލައެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަން ދާއިރާ ފުޅާވަމުން އަންނަނީ އަހަރަކު ގާތްގަނޑަކަށް %7 އަށްކަމަށެވެ. މިއީ ވަރަށް ކުޑަ މިންވަރެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ނިމުނު 5 އަހަރުގެ ދަޢުގައި ޕައިލެޓްކަން ކިޔެވުމަށް 500އަށްވުރެ ގިނަ ކުދިންނަށް ސްކޮލަރޝިޕް ދޫކުރިކަމަށެވެ. އަދި އަމިއްލަ ޚަރަދުގައި 200އެއްހާ ދަރިވަރުން ކިޔަވަމުންދިޔަކަށެވެ.

ނަމަވެސް އަލަށް ކިޔަވައިގެން އަންނަ ކުދިންގެ ތެރެއިން ވަޒީފާގެ ފުރުޞަތު ލިބެނީ އަހަރަކު ވިއްސަކަށް ކުދިންނަށްކަމަށެވެ. ރާއްޖޭގެ ދަތުރުފަތުރުގެ މާކެޓް އޮތްގޮތުން، މިއީ އަހަރަކަށް އިތުރުވާ ޕައިލެޓުންގެ ވަޒީފާގެ މިންވަރުކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، ގިނަ ދަރިވަރުންތަކަކަށް ޕައިލެޓުކަން ކިޔެވުމަށް ސްކޮލަރޝިޕް ދޫކުރީ، އޭރުގެ ސަރުކާރުން އޭވިއޭޝަން މާކެޓަށް އެއްވެސްވަރަކަށް ބެލުމެއްނެތިކަމަށް ވަޒީރު ވިދާޅުވިއެވެ. މިއަދު ފެންނަމުންދަނީ އެކަމުގެ ނޭދެވޭ ނަތީޖާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"މިދިޔަ ވެރިކަމުގައި 500 ސްކޮލަރޝިޕް ދިން މި ދާއިރާއިން. ވަރަށް ރަނގަޅު ނަތީޖާ ހޯދާ ކުދިން މ ދާއިރާއިން ކިޔަވަންދަނީ. ބެލެނިވެރިންނަށްވެސް އަދި ކުދިންނަށްވެސް ނޭންގޭ މި ދާއިރާގެ ވަޒީފާގެ ޙާލަތު އޮތް ގޮތް. ގައުމަށް ބޭނުންވާ މިންވަރަށްވުރެ މާ ގިނަ ސްކޮލަރޝިޕް ދޫކޮށްފަ އޮތީ." ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއީ ވަރަށް ބޮޑު މައްސަލައެއްކަމަށާއި، ރާއްޖެއަށް މުހިންމު ވަޒީފާގެ ދާއިރާތަކަށް ބެލުމަށްފަހު ސްކޮޕަރޝިޕް ފުރުޞަތު ދޭގޮތަށް އުސޫލުއޮތްނަމަ، އިތުރު މުހިންމު ދާއިތަކުން ތަޢުލީމީ ގިނަ މީހުންތަކެއް ނެރެވޭނެކަމަށެވެ.

ޕައިލެޓުންގެ ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމަށް، ރާއްޖޭގެ އޮޕަރޭޓަރުން ޕައިލެޓުން ނަގާ މިންވަރަށްވުރެ އިތުރަށް ޕައިލެޓުން ވަޒީފާއަށް ނެގުމަށްވެސް މަޖުބޫރުކޮށްފަވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، މި ދާއިރާއިން މިވަގުތަށް އިތުރަށް ވަޒީފާގެ ފުރުޞަތު އެކަށީގެންވާގޮތުގައި ނެތުމާއެކު، އިތުރަށް ޕައިލެޓުކަން ކިޔަވަން ސްކޮލަރޝިޕް ދިނުމުގެ ވިސްނުން ނުގެންގުޅޭކަމަށެވެ.

"ގަބޫލެއް ނުކުރަން މިވަގުތަށް ދެން ސަރުކާރުން ސްކޮލަރޝިޕަށް ހުޅުވާލުމަކަށް. އެއަށްވުރެ އެހެން ދާއިރާތަކުން އިސްކަން ދިނުން މުހިންމު. ކުރިން މި ފުރުޞަތު ހޯދި ކުދިންވެސް އެހެންދާއިރާއަކުން ދާން ބޭނުންވާނަމަ އެ ފުރުޞަތު އޮންނާނެ. ނަމަވެސް ބޭނުން ނޫން ކުދިންނަށް އެ އިޚްޔާރުވެސް އެބައޮތް. އިތުރަށް ޕައިލެޓް ޓްރެއިނިންއަށް ކުދިން ފޮނުވުން ރަނގަޅެއް ނޫން." ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ވަޒީފާއަށް ޕްރޮފެޝަނަލުން ބޭނުންވާ ވަރަށް ގިނަ އެހެން މުހިންމު ދާއިރާތައް އެބަހުރިކަމަށެވެ. އެހެންކަމުން ރާއްޖޭގައި ވަޒީފާގެ މާކެޓުގައި ފުރުޞަތު ނެތް ދާއިރާއަކުން ކިޔެވުމުގެ ބަދަލުގައި، ފުރުޞަތު ހުރި ދާއިރާތަކުން ކުރިއަށްދިއުމަށް އިސްކަން ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.