ޚަބަރު

އުންމީދަކީ އަންނަ އަހަރުވެސް ރަން މެޑަލްތަކެއް ހޯދުން: ތާޖުއްދީނުގެ ކޯޗު


ބުރާސްފަތި ދުވަހު ނިމިގެންދިޔަ އިންޓަރ ސްކޫލް ކުރިކެޓު މުބާރާތުގެ ކަންކަން ދިޔައީ ވަރަށް ރަނގަޅަށް ކަމަށާ، އުންމީދަކީ އަންނަ އަހަރުވެސް މިމުބާރާތުގައި ވާދަކޮށް ރަން މެޑަލްތަކެއް ކަށަވަރުކުރުންކަމަށް ތާޖުއްދީނު ސްކޫލުގެ ކޯޗު އަބީޝޭކް ބަވަދާސް ބުނެފިއެވެ.

ތާޖުއްދީނުންވަނީ މިމުބާރާތުގެ 14 އަހަރުންދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަށް ހޯދާ 16 އަހަރުންދަށުގެ އުމުރުފުރާގެ ރަނަރަޕްކަން ހޯދާފައެވެ. މުބާރާތުގެ ކާމިޔާބީއަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ކޯޗު ބުނީ މުބާރާތުން ލިބުނު ކާމިޔާބީގެ ސަބަބުން ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެކަމަށެވެ. މިކާމިޔާބީ ހޯދުމަށް އެޓީމުން ފަރިތަކުރަމުން އަންނަތާ ގާތްގަނޑަކަށް ދެމަސްދުވަސް ވެދާނެކަމަށް ކޯޗު ބުންޏެވެ.

"މިމުބާރާތުގަ އަހަރުމެންނަށް މިވަނީ 16 އަހަރުންދަށުގެ އުމުރުފުރާއިން ދެވަނަ ލިބިފަ. އަދި 14 އަހަރުންދަށުގެ އުމުރުފުރާގެ އެއްވަނަ ލިބިފަ. މުބާރާތުގެ ނަތީޖާއާމެދު މިހިރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ. މިއީ ގާތްގަނޑަކަށް ދެމަސްދުވަހާ ބައިގެ ޕްރެކްޓިސް" ކޯޗު ބުންޏެވެ.

ނިމިގެންދިޔަ އިންޓަ ސްކޫލު ކުރިކެޓު މުބާރާތުގެ ކާމިޔާބު ކޯޗު ބުނީ މުބާރާތް ފެށިގެން ދިޔައިރު އެދެވޭ ނަތީޖާތަކެއް ނުހޯދުނު ނަމަވެސް ޓީމުގެ ކުޅުންތެރިން އިތުރު ހިއްވަރެއްލާ މެޗުތައް ކާމިޔާބުކުރަންފެށިކަމަށެވެ. މިއީ ކުޅުންތެރިންނާ ކޯޗުންގެ ބުރަ މަސައްކަތްކަމަށާ މުބާރާތް އުފާވެރިކަމާއެކު ނިމިގެން ދިއުމުގައި މިފަރާތްތަކުގެ ހިއްސާ ބޮޑުކަމަށް ކޯޗު ފާހަގަކުރިއެވެ.

"މުބާރާތް ފެށުނުއިރު މެޗުތަކަކުން ބަލިވި، އެހެންނަމަވެސް ތާޖުއްދީނުންވަނީ ކާމިޔާބު މެޗުތަކަކާއެކު އަލުން އެނބުރި އައިސްފަ. އަހަރެން މިހިރީ ވަރަށް ހިތްހަމަޖެހިފަ. މީގަ ޓީމުގެ އެންމެހާ ކުޅުންތެރިންނާ ކޯޗުންގެ ހިއްސާވެސް އެބައޮތް. ޓީމު ޓީމެއްގެ ގޮތުގައި ފެނުނީ އެންމެންގެ މަސައްކަތުން. މި މުބާރާތް މިހާ އުފާވެރިކަމާއެކު ކުރިއަށް ދިޔައީ އެހެންވެ" ކޯޗު އަބީޝޭކް ބުނެފަވެއެވެ.

ތާޖުއްދީނު ސްކޫލުގެ ޕްރެކްޓިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އަބީޝޭކް ވަނީ މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ. އަދި އޭގެ އިތުރުން ތާޖުއްދީނުގެ މެނޭޖްމަންޓާ، ޓީމުގެ ކޯޗުންނާއި ކުޅުންތެރިންނަށްވެސް އޭނާ ވަނީ ޝުކުރުއަދާކޮށްފައެވެ.

އަބީޝެކް ބުނެފައިވަނީ ކުރިއަށް އޮތް އަހަރުގެ އިންޓަ ސްކޫލު ކުރިކެޓު މުބާރާތަށް ކުރާ އުންމީދު ބޮޑުކަމަށާ، ތާޖުއްދީނުން ދެން ނުކުންނާނީ އިތުރު ރަން މެޑަލްތަކެއް ހޯދުމުގެ އަޒުމުގައިކަމަށެވެ.

މާލޭ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައި ކުޅެވުނު 14 އަހަރުން ދަށުގެ ކުރިކެޓު މުބާރާތުގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލުން ހޯދާފަވަނީ 10 ވިކެޓުން މުހްޔިއްދީން ސުކޫލު ބަލިކުރުމަށްފަހުއެވެ. އަދި 16 އަހަރުންދަށުގެ ރަނަރަޕްކަން ތާޖުއްދީނަށް ލިބިފައިވަނީ ފައިނަލުގައި ރެހެންދި ސްކޫލާ ވާދަކޮށެވެ.