ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޕަސެންޖަރ ޓަރމިނަލް ހުޅުވުމުގެ ކައުންޓްޑައުން ފަށައިފިއެވެ. މި ކައުންޓްޑައުން ފައްޓަވައިދެއްވީ ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.
އައު ޕަސެންޖަރ ޓަރމިނަލް ހުޅުވުމުގެ ކައުންޓްޑައުން ފަށާފައިވަނީ މިވަނީ 35 ދުވަސް ކުރިންނެވެ. މި ކައުންޓްޑައުން ފަށާފައިވަނީ އެއަރޕޯޓްގެ ވީއައިޕީ ލައުންޖް ކުރިމަތީގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީލްއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ވަނީ އެއަރޕޯޓްގެ އައު ޕަސެންޖަރ ޓަރމިނަލް ހުޅުވުމަށް އެކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި އައު ޓަރމިނަލް ހުޅުވުން ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރުމަށާއި، މިކަމުގައި މިސާލު ދެއްކެވުމަށް ވަނީ ހުރިހާ މުވައްޒަފުންނަށް ސީއީއޯ ވަނީ އެދިވަޑައިގެންފައެވެ.
"އަޅުގަނޑު ހަމަ އެއްވެސް ޝައްކެއް ނުކުރަން އެމްއޭސީއެލްގެ މުވައްޒަފުންގެ ހިތްވަރާއި ކެރުމާއި އަދި ކަމަކަށް ކުރިމަތިލައިފިއްޔާ އެކަމެއް ނިންމުމުގައި އޮންނަ ޔަޤީންކަމާއި މެދަކު. އަޅުގަނޑު މިތަނުގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެމްއޭސީއެލްގެ މުވައްޒަފުން އެކަން އަޅުގަނޑަށް ދައްކާދީފި." ސީއީއޯ ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހުއެވެ. މިހާރު ވަމުންދަނީ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.
އައު ޕަސެންޖަރ ޓަރމިނަލާއެކު ރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއަރައިގެންދާނެއެވެ. މި ޓަރމިނަލް ވެގެންދާނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެގެންދާނެ ކަމަކަށެވެ. މިއަހަރު ސަރުކާރުން ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް އަމާޒުހިފާފައިވާއިރު އައު ޓަމިނަލާއެކު މިކަމަށް އެހީތެރިވެދޭނެއެވެ.