ފީފާ ކްލަބް ވޯލްށް ކަޕްގައި މިއަދު އެމެރިކާގެ ލޮސް އެންޖެލެސް އެފްސީ އާއި ދެކޮޅަށް މޮރޮކޯގެ ތޫނިސް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ތޫނިސް ކާމިޔާބުކޮށްފި އެވެ.
މި މެޗުން ތޫނިސް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް ޑީ ގައި ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި ބްރެޒިލްގެ ފްލެމިންގޯ އޮތްއިރު ތިންވަނައިގައި އޮތީ އިނގިރޭސިވިލާތުގެ ޗެލްސީ އެވެ. ލޮސް އެންގެލެސް ކުޅުނު ދެ މެޗުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.
ގްރޫޕްގެ ފަހު މެޗުގައި ތޫނިސް އިން ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްގެންވެސް ތޫނިސް އަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.
ނޭޝްވިލްގެ ޖިއޮޑިސް ޕާކްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ލޮސް އެންޖެލެސް އިން ކުޅެފައިވީ ނަމަވެސް އެ ޓީމުގެ ގޯލަށް އަމާޒުކޮށް ތޫނިސް އިން ވަނީ ފަސް ހަމަލައެއް ފޮނުވާލާފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނިޓުގައި ތޫނިސް އަށް ކާމިޔާބު ކޮށްދީފައިވަނީ ޔޫސުފް ބެލައިލީ އެވެ.
ލޮސް އެންޖެލެސް އަށް މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ދެވަނަ ހާފުގައި ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެ ޓީމަށް ވަނީ އެ ފުރުސަތު ގެއްލިފަ އެވެ. ދެވަނަ ހާފުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ޑެނިސް ބޮއާންގާ ފޮނުވާލިއިރު ތޫނިސްގެ ގޯލު ކީޕަރު ވަނީ ޕެނަލްޓީ މަތަކޮށްފަ އެވެ.