ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ ށ. ކޮމަންޑޫ އުމުރުން 24 އަހަރުގެ ޙުސައިން ޝާނިމު

  • އޭނާއާއި ގުޅުންހުރި 3 ތަނެއް ބަލާ ފާސްކޮށްފައިވޭ

ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ ށ. ކޮމަންޑޫ / ސާތީ، އުމުރުން 24 އަހަރުގެ ޙުސައިން ޝާނިމު ކަމަށެވެ. އަދި މީނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިންކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، ޙުސައިން ޝާނިމު ހައްޔަރުކުރުމަށްފަހު، އޭނާއާއި ގުޅުންހުރި 3 ތަނެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. އަދި މި ތަންތަން ބަލައިފާސްކުރިއިރު 338.51 ގްރާމްގެ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި، ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ ފެނިފައިވާކަމަަށެވެ.

މީގެ އިތުރުން، ޙުސައިން ޝާނިމުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހުގެ މުއްދަތަށް ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކުރުމަށް އަމުރުކޮށްފައިވާކަަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް ޑިޕާޓްމެންޓުން ދަނީ ތަހުޤީޤުކުރަމުންނެވެ.