2023 އާއި 2024 ވަނަ އަހަރުގެ ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ދޭ "މަތީ އަރުތަވެރިންގެ އިނާމު" މިއަދު 359 ދަރިވަރަކަށް ދީފިއެވެ.
"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ހަތަރުވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ.
5 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިރަސްމިއްޔާތު އޮތީ ސޯޝަލް ސެންޓަރުގައެވެ.
"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ މިއަދުގެ ފުރަތަމަ ދަންފަޅީގައި 359 ދަރިވަރަކަށްވަނީ އިނާމްދީފައެވެ. މީގެތެރޭގައި ހިމެނެނީ ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން 7 ވަނަ ޙާސިލުކުރި 81 ދަރިވަރުންނަށާއި 6 ވަނަ ޙާސިލުކުރި 67 ދަރިވަރުންނަށާއި 5 ވަނަ ޙާސިލުކުރި 61 ދަރިވަރުންނަށާއި 4 ވަނަ ޙާސިލުކުރި 51 ދަރިވަރުންނަށާއި 3 ވަނަ ޙާސިލުކުރި 41 ދަރިވަރުންނަށާއި، 2 ވަނަ ޙާސިލުކުރި 39 ދަރިވަރުންނަށާއި 1 ވަނަ ޙާސިލުކުރި 19 ދަރިވަރުންނެވެ. މި ހުރިހާ ދަރިވަރުންނަކީވެސް 2023 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގެ ނަތީޖާއިން ޤައުމީ ގަދަ 10ގެ ވަނަތަކުގައި ހިމެނިފައިވާ ދަރިވަރުންނެވެ.
ސާނަވީ އަދި މަތީ ސާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 2023-2024 ވަނަ އަހަރު 1800 އަށްވުރެ ގިނަ ދަރިވަރުން މަތީ އަރުތަވެރިންގެ އިނާމު ޙާޞިލުކުރެއެވެ. މީގެ ތެރެއިން މިހާތަނަށް 1300 އަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ މަތީ އަރުތަވެރިންގެ އިނާމު ދީފައެވެ. މިއަހަރު މި އިނާމު ދެނީ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ.
މީގެ ތެރެއިން އޯލެވެލް އަދި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާދެއްވާ ސްކޮލަރޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުންވެސް މި ރަސްމިއްޔާތުތަކުގެ ތެރޭގައި އޮންނާނެއެވެ.
ރަސްމިއްޔާތުގައި ފަހު ދަންފަޅި އޮންނާނީ މިރޭއެވެ.