އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެމުން އަންނަ އެމެރިކާގެ އިންޓަރ މަޔާމީގައި ފީފާ ކުލަބު ވޯލްޑް ކަޕުގައި ވާދަކުރެވޭ ފެންވަރު ނެތް ކަމަށް ބްރެޒިލް މަޝްހޫރު ލެޖެންޑް ރިވާލްޑޯ ބުނެފިއެވެ.
މުބާރާތުގެ ދެވަނަ ބުރަށް މަޔާމީ ދަތުރުކޮށްފައިވަނީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެގޮތުން ފުރަތަމަ މެޗުގައި މިސުރުގެ އަލް އަހްލީއާ އެއްވަރުކޮށް، ދެވަނަ މެޗުގައި ޕޯޗުގަލްގެ ޕޯޓޯ އަތުން މޮޅުވި ނަމަވެސް، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވަނީ ބްރެޒިލްގެ ޕަލްމެއިރާސްއާ އެއްވަރުވެފައެވެ.
ނަމަވެސް ބްރެޒިލަށް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން 1999 ވަނަ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ބުނީ އިންޓަ މަޔާމީއަށް ދެވަނަ ބުރު ފަހަނަ އަޅައި ކުރިއަށް ދެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"ވަކިވަކި ކުޅުންތެރިން އެ މީހުންގެ މޮޅު. އެކަމަކު މުޅި ޓީމަށް ބަލާއިރު މުބާރާތުގައި ވާދަކުރެވޭ ވަރުގެ ފެންވަރެއް މިއާމީގައި ނެތް. އެންމެ ބޮޑު ސަބަބަކީ ޓީމެއްގެ ގޮތުގައި އެ މީހުން ގަދަފަދަ ނުވުން. ޔޫރަޕުގެ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫން. އެމެރިކާގެ ފުޓްބޯޅަ އާއި ޔޫރަޕުގެ ފުޓްބޯޅައިގެ ފެންވަރު ވަރަސް ތަފާތު. މި ގޮތުން މިއާމީގައި ޔޫރަޕުގެ ގަދަ ޓީމުތަކާ ވާދަކުރެވޭނެ ފެންވަރެއް ނެތް،" ރިވާލްޑޯ ބުންޏެވެ.
ރިވާލްޑޯ ބުނީ މުބާރާތުގައި އިންޓަ މަޔާމީ ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއްގެ ޝުކުރު ހައްގުވާނީ އެ ޓީމުގައި ތިބި ސްޕެއިނުގެ ބާސެލޯނާގެ ކުރީގެ ކުޅުންތެރިންނަށް ކަމަށެވެ.
މަޔާމީގައި ބާސެލޯނާއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން މުހިންމު ހަތަރު ކުޅުންތެރިއަކު ކުޅެއެވެ. އެއީ ބާސެލޯނާގެ ކެޕްޓަންކަން ކުރި މެސީ އާއި ސްޕެއިނުގެ ދެ ކުޅުންތެރިން ކަމަށްވާ ކުރީގެ ކެޕްޓަން އަދި މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އާއި ޑިފެންޑަރު ޖޯޑީ އަލްބާ އަދި އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް އެވެ.
"އިތުރަށް އެ މީހުން އަޅާ ކޮންމެ ފިޔަވަޅެއްގެ ޝުރުކު ހައްގުވާނީ ބާސެލޯނާއިން ދިޔަ ކުޅުންތެރިންނަށް. ސަބަބަކީ އެ މީހުންގެ ތަޖުރިބާ އާއި ހިތްވަރާއި މަސައްކަތުން އެ ޓީމުން ކުރި އަށް ދާތީވެ،" ކުރިން ބާސެލޯނާގެ ކެޕްޓަން ވެސް ކުރި ރިވާލްޑޯ ބުންޏެވެ.
ކުލަބު ވޯލްޑް ކަޕުގައި ޔޫރަޕުގެ ޓީމުތަކަށް އެންމެ ބޮޑަށް ދިމާވަމުން އަންނަނީ އެމެރިކާގެ ހޫނުކަމުގެ މައްސަލަ އެވެ. ނަމަވެސް ރިވާލްޑޯ ބުނީ ނޮކްއައުޓް ސްޓޭޖުގައި ހޫނުގެ ޑިސް އެޑްވާންޓޭޖާ ހުރެ ޔޫރަޕުގެ ޓީމުތައް ކަޓައިގެން ދިއުން ގާތް ނޫން ކަމަށެވެ.