ޚަބަރު

ރާއްޖޭގައި ހިންގަން ހުއްދަދީފައިވާ ކޯހެއް ރާއްޖެއިން ބޭރުގައި ހިންގުމާ ބެހޭ އުޞޫލެއް އެކުލަވާލަނީ


  • އުޞޫލް ފަރުމާކޮށްފައިވަނީ އެމްކިއުއޭއިން ޤަބޫލުކުރާ ތަންތަނުގައި ކޯސް ހިންގޭ ގޮތަށް

  • މިއަހަރުގެ މިހާތަނަށް ސެޓްފިކެޓް ފޯޖް ކޮށްގެން 5 މައްސަލައެއް ހުށަހެޅި

ރާއްޖޭގައި ހިންގަން ހުއްދަ ދީފައިވާ ކޯސްތައް ރާއްޖެއިން ބޭރުގައި ހިންގުމަށް ޚާއްސަ އުޞޫލެއް އެކުލަވާލައި ރާއްޖެއިން ބޭރުގައި އެކޯސްތައް ހިންގުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިއުއޭއިން ނިންމަވައިފިއެވެ.

ރާއްޖޭގައި ހިންގުމަށް ހުއްދަދީފައިވާ ކޯސްތައް އެމްކިއުއޭގެ ހުއްދައަކާ ނުލާ ރާއްޖެއިން ބޭރުގައި ހިންގުމަކީ މަނާކަމެއް ނަމަވެސް މިފަދަ މައްސަލަތައް ފެންމަތިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހުއްދަ ދޫކޮށްފައިވާ ކޯސްތައް ރާއްޖެއިން ބޭރުގެ އެކި އިންސްޓިޓިއުޓްްގައި ކުރިއަށް ގެންދިޔުމަކީ މަނާކަމެއްކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެމްކިއުއޭގެ ހުއްދައާ ނުލާ ބައެއް ކޯސްތައް ރާއްޖެއިން ބޭރުގައި ކުރިއަށްގެންދާކަން ފާހަގަކުރެވިފައިވާކަމަށް ފިޒާނާ ވިދާޅުވިއެވެ. އެފަދަ ފަރާތްތަކަށް ނަސޭހަތް ދެމުންދާކަމަށާއި މިގޮތަށް ކޯސްތައް ކުރިއަށްގެންދާ ފަރާތްތަކުން އެކަން ނުހުއްޓައިފިނަމަ ފިޔަވަޅު އަޅާނެކަމަށްވެސް ފިޒާނާ ވިދާޅުވިއެވެ.

ފިޒާނާ ވިދާޅުވީ މިފަދަ ކޯސްތައް ރާއްޖެއިން ބޭރުގައި ހިންގޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ބޭރު ޤައުމުތަކުގައި ކޯސްތައް ހިންގުމާ ބެހޭ އުޞޫލެއް އެކުލަވާލާ އެއުޞޫލްގެ ޑްރާފްޓް އޭޖީ އޮފީހަށް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްކިއުއޭގެ ހުއްދަ ހޯދައިގެން ކޯސްތައް ހިންގޭނެ މަގު ފަހިވާނެ. ހުއްދަ ނުހޯދާ ގޮތް ނޭގެ ޔުނިވަރސިޓީއެއްގައި ކުރިއަށްގެންގޮސްފިނަމަ މައްސަލަތަކެއް ކުރިމަތިވާނެ. އުޞޫލް ފަރުމާކޮށްފައިވަނީ އެމްކިއުއޭއިން ޤަބޫލުކުރާ ތަންތަނުގައި ކޯސް ހިންގޭ ގޮތަށް." އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވިއެވެ.

ފިޒާނާ ވަނީ އެމްކިއުއޭގެ ހުއްދައާ ނުލާ ރާއްޖެއިން ބޭރުގައި ކޯސްތައް ކުރިއަށްގެންދާ މައްސަލައިގެ އިތުރުން ސެޓްފިކެޓް ފޯޖުކުރުމުގެ މައްސަލައަށްވެސް އަލި އަޅުވާލައްވާފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ސެޓްފިކެޓް ފޯޖުކޮށްގެން 5 މަައްސަލައެއް ޕޮލިހަށް ހުށަހަޅާފައިވާކަމަށާއި މިދިޔަ އަހަރު އެފަދަ 9 މައްސަލައެއް ޕޮލިހަށް ހުށަހެޅިކަމަށް ފިޒާނާ ވިދާޅުވިއެވެ. މިފަދަ މައްސަލަތައް ޕޮލިހަށް ހުށަހެޅިނަމަވެސް އެ މައްސަލަ ބެލުން ލަސްވާކަމުގެ ކަންބޮޑުވުން ފިޒާނާވަނީ ފާހަގަކުރައްވާފައެވެ.