ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ޔޫރަޕާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އިން ހޯދައިފި އެވެ.
ޕީއެސްޖީ އިން މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ އެމެރިކާގެ ސިއޭޓަލް ސައުންޑަރސް އާޢި ދެކޮޅަށް ގްރޫޕް ބީ ގައި ރޭ ކުޅުނު ފަހު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުން ޕީއެސްޖީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ޖުމްލަ ހަ ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. މި މެޗުން ބަލިވި ސިއޭޓަލް ސައުންޑަރސް އަށް ތިން މެޗުން ޕޮއިންޓެއް ލިބިފައިނުވާއިރު އެ ޓީމު އޮތީ ގްރޫޕުގެ ފުލުގަ އެވެ.
ސިއޭޓަލްގެ ލުމެން ފީލްޑްގައި ފަންސާސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ %72 ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ޕީއެސްޖީ އިންނެވެ. އަދި އެ ޓީމުން ވަނީ ސިއޭޓަލް ސައުންޑަރސްގެ ގޯލަށް އަމާޒުކޮށް ހަތް ހަމަލައެއް ފޮނުވާލާފަ އެވެ.
މި މެޗުގެ 35 ވަނަ މިނިޓުގައި ޕީއެސްޖީގެ ކްވިޗާ ކްވަރަޓްސްކޭލިއާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ އޭރިޔާ ބޭރުން ޕީއެސްޖީގެ ވިޓީނިއާ ފޮނުވާލި ބޯޅައެއް ކްވިޗާގެ ގައިގައި ޖެހިފައިގޮސް ގޯލުގެ ތެރެއަށް ވަދެފައިވާ ބޯޅައެކެވެ.
ޕީއެސްޖީ އިން ގިނަ ހަމަލަތަކެއް އުފައްދާފައިޥާ މި މެޗުގައި ސިއޭޓަލް ސައުންޑަރސްގެ ގޯލު ކީޕަރު ފްރެއި ވަނީ ގިނަ ހަމަލަތަކެއް މަތަކޮށްފަ އެވެ.
ފްރެންޗް ލީގު ވަންގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ޕީއެސްޖީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަޝްރަފް ހަކީމީ އެވެ.
މި މޮޅާއިއެކު ޕީއެސްޖީ ދެވަނަ ބުރަށް ކޮލިފައިވެފައިވާއިރު ދެވަނަ ބުރުގައި ޕީއެސްޖީ އާއި ދެކޮޅަށް ނިކުންނާނީ ގްރޫޕް ބީ ގެ ދެވަނަ ޓީމެވެ.