ކުޅުދުއްފުށީ އެއަރޕޯޓްގެ އައު ޒަމާނީ ޕެސެންޖަރ ޓާރމިނަލްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރުގެ ހަފްތާ-14ގައި ހިމަނާފައިވާގޮތަށް، އެންމެ ބޮޑު ބަދަލެއް ގެނައުމަށް ނިންމާފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓަށްކަމަށެވެ. އެގޮތުން ޓަރމިނަލްގެ ޖާގަ ކުޑަވުމާއި ވަސީލަތްތަކުގެ ދަތިކަމާއި އެއަރޕޯޓް ބޭނުންކުރުމުގައި އާއްމުންގެ ހުރި ޝަކުވާތަކަށް ރިއާޔަތްކޮށް، ޒަމާނީ ބަދަލުތަކާއެކު މުޅިން އައު ޓަރމިނަލެއް އެޅުމުގެ މާސްޓަރ ޕްލޭން މިހާރު ވަނީ އެކުލަވާލާފައެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމު ރައްޔިތަކު ކުޅުދުއްފުށީ އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ލަސްވަމުންދާ ސަބަބާއި ގުޅޭގޮތުން ކުރި ސުވާލަކަށް، ޖަވާބުދެއްވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ.
ވަޒީރު ވިދާޅުވީ މަސައްކަތްނުފެށި ލަސްވަނީ ގެންނަންޖެހޭ ބަދަލުތަކާއި ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް މަސައްކަތްތައް ނުހުއްޓި ކުރިއަށް ދާކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
"އަޅުގަނޑުވެސް ގަބޫލުކުރަން އެންމެ އެދެވޭ ސްޕީޑުގައި ނޫނަސް ކުޅުދުއްފުށީ އެއަރޕޯޓުގެ ހާއްސަކޮށް ޓަރމިނަލްއާއި ފެންސާއި ސެކިއުރިޓީއާއި ގުޅުން ހުރި މަސައްކަތްތައް އެބަ ކުރިއަށްދޭ. އަޅުގަނޑު ދައްނަވާނީ މާ ލަސްތަކެއްނުވެ އެ މަސައްކަތް ފެށޭނެ" ވަޒީރު އަމީން ވިދާޅުވިއެވެ.
ކުޅުދުއްފުށީ އެއަރޕޯޓަކީ 2018ވަނަ އަހަރު، އޭރުގެ ސަރުކާރު ނިމެން ކުޑަތަންވެފައި ވަނިކޮށް ވަރަށް އަވަސް އަރުވާލައިގެން ނިންމި އެއަރޕޯޓެކެވެ. އެއަރޕޯޓްގެ ޚިދުމަތްތައް ޤާއިމުވެފައި ހުރިގޮތުން، ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަނީ ބޮޑެތި ތަކުލީފުތަކާއެކުއެވެ.