ޚަބަރު

މުބާރާތެއް ކާމިޔާބުކުރުމަކީ ވަރަށް ގިނަ ދުވަހުގެ އުއްމީދެއް: އިޔަން


ޖޫނިއަރ މެންސް މުބާރާތެއް ކާމިޔާބުކުރުމަކީ ވަރަށް ގިނަ ދުވަހުގެ އުއްމީދެއް ކަމަށް މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025 ގެ ޖޫނިއަރ މެންސް ކެޓެގަރީގެ އެއްވަނަ ހޯދި އިޔަން އަޙްމަދު ބުނެފިއެވެ.

މި މަހުގެ 17 އިން 20 އަށް ވަރުނުލާ ރާޅުގަނޑުގައި އޮތް ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ ޖޫނިއާ މެންސް ކެޓެގަރީގެ ޗެމްޕިއަންކަން ހޯދުމަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އިޔަން ބުނީ މި ހިސާބަށް އާދެވުނީ ވަރަސް ގިނަ ދުވަހު ފަރިތަކުރުންތައް ބާއްވައިގެން ކަމަށެވެ.

ރާޅާއެޅުމުގެ އިތުރުން ޖިމްއަށް ގޮސްގެން ހަދަން ޖެހޭ ޓްރޭނިންތައްވެސް ހަދަމުން ދިޔަ ކަމަށާއި، ބުރުނު ޝިކާރު ބޮޑީ ބޯޑިން ޗެލެންޖަށް ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށް އިޔަން ބުންޏެވެ.

އިޔަން ބުނީ އަމާޒަކީ މިއަހަރުގެ ގައުމީ މުބާރާތުން ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދުން ކަމަށާއި، ކުރިޔަށް ހުރި މުބާރާތްތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ.

އިޔަން ބުނީ ތިން ފަހަރެއްގެ މަތިން ބުރުނު ޝިކާރު މުބާރާތިގައި ވާދަކޮށްފައިވާއިރު އޭނާއަށް ކުރިޔަށް ދިއުމުގައި އެންމެ ބޮޑު ހިތްވަރަކީ އާއިލާއިން ދޭ އެހީތެރިކަމާއި އެއްބާރުލުން ކަމަށެވެ.

އިޔަން ބުނީ ނިމިގެންދިޔަ ބުރުނު ޝިކާރު މުބާރާތާމެދު ހިތްހަމަ ޖެހޭ ކަމަށާއި، އެއީ އިންތިޒާމުތައް ރަނގަޅު، ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅަށް ކުރިޔަށް ގެންދިޔަ މުބާރާތެއްކަމަށެވެ.

އިޔަން މި މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ 8 ބައިވެރިންނާއި ވާދަކޮށްގެންނެވެ.
ފައިނަލް ހީޓުގައި އިޔަން ވަނީ 2.33 ޕޮއިންޓުގެ ތަފާތަކުން މިދިޔަ އަހަރުގެ ޗެމްޕިއަން މުޙައްމަދު އަޒާން އަޙްމަދު ބަލިކޮށްފައެވެ.

އިޔަން 13 ޕޮއިންޓް ހޯދި އިރު ފައިނަލްގައި އަޒާން ބަލިވީ 10.67 ގެ ސްކޯއަކުންނެވެ.