ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން މާލެއިން ބޭރުން ސިޓީއެއްގައި ހިންގާ ފުރަތަމަ އޮޕަރޭޝަން އައްޑޫ ސިޓީގައި ފަށައިފިއެވެ.
މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ 25 އެއްހާ އޮފިސަރުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ 25 އެއްހާ އޮފިސަރުން ބައިވެރިވެއެވެ. 13 ޓީމަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގެ ތެރެއިން އައްޑޫ ސިޓީގެ ހުރިހާ އަވަށެއްވެސް ބެލުމަށް ހަމަޖެހިފައިވެއެވެ. އެކި ސަރަހައްދުތައް ބަލައި ފާސްކުރުމަށް ޓީމުތަކަށް އޮފިސަރުން ވަނީ ބަހާލާފައެވެ.
އޮޕަރޭޝަން ފަށާފައިވަނީ އައްޑޫ ޕޮލިސް ސްކޫލްގަައި ކުރިއަށްގެންދިޔަ ޚާއްސަ ބްރީފިންއަކަށްފަހު ހެނދުނު 7:00 ޖެހިއިރުއެވެ. މި ބްރީފިންގައި އޮޕަރޭޝަންގައި ހަރަކާތްތެރިވާންޖެހޭ ގޮތުގެ ތަފްސީލް ހިއްސާކޮށްފައިވެއެވެ.
މި އޮޕަރޭޝަންގައި ކޮންޓަރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙަމަދު ފަސީހާއި އެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙު ވިދާޅުވީ މި އޮޕަރޭޝަންގެ ތެރެއިން އަތޮޅުތަކުގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
ފަސީޙު ވިދާޅުވީ މިހާތަނަށް، ޤާނޫނީ އިމުގެ ތެެރެއިން ރާއްޖޭގައި ހަރަކާތްތެރިވުމަށް ބިދޭސީ މަސައްކަތްތެރިންނަށް އެކި ފަހަރު ފުރުޞަތުތައް ދެވިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ގިނަ ބަޔަކު ގަވާއިދާ ޚިލާފަށް އުޅެމުންދާކަން ކޮންޓްރޯލަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ބުނަން ބޭނުންވަނީ ދެނެއް ރަށްރަށުގައިވެސް ފިލައިގެން އުޅުމުގެ ފުރުޞަތު ބިދޭސީންނަކަށް ނޯންނާނެޏޭ. އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ވީހާވެސް އަވަހަށް ޤާނޫނީ އިމުގެ ތެރެއަށް ހުރިހާ މަސައްކަތްތެރިން ވަންނަވާށޭ" ފަސީޙު ވިދާޅުވިއެވެ.
އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. އަދި ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންތަކުގެ މަޤުޞަދެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިމިގްރޭޝަނުން ދަނީ ސައްޙަ ވިސާއެއްނެތި، ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށް ވެސް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ އަދުގެ ސަރުކާރުން ފަށްޓަވާފައިވާ ވަރަށް ޚާއްސަ މަސައްކަތެކެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އިތުރުން، ގަވާއިދާ ޚިލާފަށް ބިދޭސީ މަސައްކަތްތެރިންނާ މެދު ޢަމަލުކުރާ ފަރާތްތަކަށްވެސް ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.