ޚަބަރު

ތިމާވެށި ޙިމާޔަތްކުރުމަށް ހޭދަކުރާ ޚާއްސަ ޕްރޮގްރާމެއް ބީއެމްއެލްއިން ތަޢާރަފްކޮށްފި


  • މިޕްރޮގްރާމްގެ ދަށުން ރީސައިކަލްކުރުމާއި، ފެހިކަން ގެނުވައިދޭ ޕްރޮޖެކްޓްތަކާއި ކުނި މެނޭޖްކުރުމަށް ހޭދަކުރެވޭނެ

  • މިފައިސާ ކަނޑައަޅާނީ ބީއެމްއެލްގެ ކާޑު މެޝިން ބޭނުންކޮށްގެންކުރާ ކޮންމެ މުޢާމަލާތަކަށް ބީއެމްއެލްގެ ފައިދާއިން

  • މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 1 ޖުލައި 2025 އިން ފެށިގެން

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރުމަށް އެހީވުމުގެ ގޮތުން "އީއެންވީ ޕޮސްގެ" ނަމުގައި ޚާއްސަ ޕްރޮގްރާމެއް ތަޢާރަފްކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ތަޢާރަފްކޮށްފައިވާ، "އީއެންވީ ޕޮސް"އަކީ ބީއެމްއެލްގެ ކާޑު މެޝިން ބޭނުންކޮށްގެންކުރާ ކޮންމެ މުޢާމަލާތަކަށް ބޭންކުން ވަކި ޢަދަދެއް ކަނޑައަޅައި، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހޭދަކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، އީއެންވީ މުޢާމަލާތްތަކުން ފައިސާ ކަނޑަނީ އާންމުންގެ އަތުން ނުވަތަ ވިޔަފާރިތަކުން ނޫންކަމަށެވެ. މިއީ ޢާންމުންކުރާ މުޢާމަލާތަކުން ބީއެމްއެލްގެ ފައިދާއިން ހިނގާނެ ޚަރަދެއްކަމަށް ސީއީއޯ ވިދާޅުވިއެވެ.

"މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އީއެންވީ ޕީއޯއެސް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ބޭންކުން ކަނޑައަޅާ އަދަދު ކޮންމެ އަހަރަކު 5.5 މިލިއަން ރުފިޔާ ވަރުވާނެ. އަދި މުޢާމަލާތްތަކުގެ އަދަދު އިތުރުވަމުންދާ ވަރަކަށް، އެއްވެސް ކަސްޓަމަރަކަށްވެސް އަދި ވިޔަފާރިތަކަށްވެސް އެއްވެސް އިތުރު ޚަރަދަކާ ނުލައި، މި ޕްރޮގްރާމަށް ހިއްސާވެވޭ އަދަދުވެސް ދާނީ އިތުރުވަމުން." މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ސީއީއޯ ވިދާޅުވީ، މިއީ އެއްފަހަރު ހިނގާ ކެޕޭނެއް ނޫންކަމަށާއި ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ ޒިންމާދާރު ކުންފުންޏެއްގެ ޙައިސިއްޔަތުން ބީއެމްއެލްގެވެސް ޒިންމާއެއްވާކަމެއްކަމަށް ބޭންކުން ޤަބޫލުކުރާކަމަށެވެ.

އެހެންކަމުން މި ޕްރޮގްރާމްގެ ތެރެއިން ފައިސާ ހޭދަކުރާނީ އިތުބާރުހުރި، ކަމުގެ ތަޖުރިބާ ލިބިފައިވާ ޖަމުޢިއްޔާތަކާއި ބައިވެރިންނާ ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ހިންގޭ މަޝްރޫޢުތަކަށްކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. މިގޮތުން ރީސައިކަލްކުރުމާއި، ފެހިކަން ގެނުވައިދޭ ޕްރޮޖެކްޓްތަކާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައްކުރުމަށް ހިންގާ މަޝްރޫޢުތަކަށް މިޕްރޮގްރާމުން ހޭދަކުރާނެއެވެ.

ބީއެމްއެލްއިން މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިއާއެކު އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުޢާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށްޓާއި ކަނޑުފަރުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.