ޚަބަރު

ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު އަމީން ތުރުކީއަށް


  • މި މިފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ތުރުކީގެ އިސްތަންބޫލްގައި

  • މި ފޯރަމްގެ ޕެނަލްއެއްގައި ވަޒީރު ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައި

"ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025"ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރާވަޑައިގަންނަވައިފިއެވެ. މިއަހަރު މިފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 އިން 29 އަށް ތުރުކީގެ އިސްތަންބޫލްގައެވެ.

"ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025"އަކީ ތުރުކީގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗަރއިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެކެވެ.

މިފޯރަމުގެ މަޤްސަދަކީ އެކިޤައުމުތަކުގެ ދަތުރުފަތުރާއި ބެހޭ ވަޒީރުންނާއި، ބައިނަލްއަޤުވާމި ޖަމުޢިއްޔާތަކުގެ އިސް ބޭފުޅުންނާއި މާލީ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރގެ އިސްފަރާތްތަކާއި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ޙަރަކާތްތެރިވަމުންދާ މިދާއިރާގެ ފަންނީ ބޭފުޅުން އެއްތަނަކަށް ޖަމާވެ ބައިނަލްއަޤުވާމީ ދަތުރުފަތުގެ ވިއުގަތައް ތަރައްޤީކޮށް އެންމެ ފައިދާ ހުރި ގޮތުގައި ޚިދުމަތްތައް ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މިފޯރަމްގެ ތެރެއިން ދަތުރުފަތުރާއި ގުޅޭ އެކި ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު އޭގެތެރެއިން، "މެރިޓައިމް ކަނެކްޓިވިޓީ ފޯރ އައިލެންޑް އެންޑް ކޯސްޓަލް ނޭޝަންސް: ޝެއަރޑް އޮޕޮޗުނިޓީސް، ޑިސްޓިންކްޓް ޗެލެންޖެސް" މިމަޢުޟޫއަށް ކުރިއަށްގެންދާ ޕެނަލް ޑިސްކަޝަންގައި ވަޒީރު އަމީން ބައިވެރިވެވަޑައިގަންނަވާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މިޕެނަލްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައިވާ ކަނޑުދަތުރުފަތުރުގެ ގުޅުން ތަރައްޤީކުރުމަށް ހުރި ފުރުސަތުތަކާއި އޭގައި އެކުލެވޭ ގޮންޖެހުންތަކާއި އަދި އެކަންކަމުން އަރައިގަނެވޭނެ ހަރުދަނާ ދެމެހެއްޓެނިވި ސިޔާސަތުތަކާއި ބެހޭގޮތުންކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ ފޯރަމްގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ދަތުރުފަތުގެ ސިނާޢަތުގެ ދެމެހެއްޓެނިވި ތަރައްޤީއާއި އެސިނާޢަތަށް ގެންނަންޖެހޭ ތިމަވެއްޓަ ރައްޓެހި ބަދަލުތަކާއި، އަދި ސަރަޙައްދީ ފެންވަރުގައި ޤައުމުތަކުގެ މެދުގައި އިތުރަށް މިދާއިރާއިން ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުންކަމަށެވެ.

ހަމައެއާއެކު ޤައުމުތަކުގެ މެދުގައި ގުޅިފައިވާ ދަތުރުފަތުގެ ވިއުގަތަކެއް ތަރައްޤީކުރުމާއި، އިންވެސްޓުކުރުމުގައި ހުރި ދަތިތައް ނައްތާލުމާއި ގުޅޭގޮތުން އަދި ސަރުކާރުތަކާއި ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.