ކުޅިވަރު

16 ވަނަ ގައުމީ ދިގުފެތުމުގެ މުބާރާތުގެ އިނާމުދިނުމުގެ ޖަލްސާ ކުޅިވަރު ވަޒީރު ޝަރަފުވެރިކޮށްދެއްވައިފި


ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި 16 ވަނަ ގައުމީ ދިގުފެތުމުގެ މުބާރާތުގެ ވަނަވަނައަށް ދިޔަ ބައިވެރިންނަށް ޓްރޮފީއާއި ހަނދާނީ ލިއުން ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭ ސްވިމިންގ ކޮމްޕްލެކްސްގައި ކުރިއަށްދިޔަ މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވަނަވަނައަށް ދިޔަ ބައިވެރިންނަށް ޓްރޮފީއާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވާފަވަނީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

16 ވަނަ ގައުމީ ދިގުފެތުމުގެ މުބާރާތް ބާއްވާފައިވަނީ މޭމަހުގެ 17 ވަނަ ދުވަހުއެވެ. އެމުބާރާތުގައި ހުރިހާ ކެޓެގަރީއެއް ހިމެނޭހެން ޖުމްލަ 281 ފެތުންތެރިން ވާދަކޮށްފަވެއެވެ.

އެގޮތުން ގައުމީ ފަސް ކިލޯމީޓަރުގެ ކެޓެގަރީގައި އަންހެން 10 ފެތުންތެރިންނާއި ފިރިހެން 14 ފެތުންތެރިން ވާދަކޮށްފަވެއެވެ. އަދި ތިން ކިލޯމީޓަރުގެ ޖޫނިއަރ ބައިގައި އަންހެން 8 ފެތުންތެރިންނާއި ފިރިހެން 24 ފެތުންތެރިން ފެނިގެންދިޔައެވެ.

މުބާރާތުގެ އެއް ކިލޯމީޓަރުގެ ކޮމިއުނިޓީ މާސް އިވެންޓް ބައިގައި، ފިރިހެން 63 ފެތުންތެރިންނާއި އަންހެން 36 ފެތުންތެރިން ވާދަކުރިއިރު، މާސްޓާސް އިވެންޓުގައި ވާދަކޮށްފަވަނީ ހަތް ފިރިހެން ފެތުންތެރިންނެވެ. އަދި އީއޭޑީ ކެޓެގަރީގައި ފިރިހެން ނުވަ ފެތުންތެރިންނާއި އަންހެން ދެ ފެތުންތެރިން ފެނިގެންދިޔައެވެ.

މީގެ އިތުރުން 0.5 ކިލޯމީޓަރަށް ފަތަން ޖެހޭ ކިޑްސް ސްވިމް ކެޓެގަރީގައި 66 ފިރިހެން ފެތުންތެރިންނާއި 42 އަންހެން ފެތުންތެރިން ވާދަކުރިއެވެ.

މިއީ އޯޕަން ވޯޓާ ސްވިމިން މުބާރާތް ކުޑަގިރީގައި ބޭއްވި ތިންވަނަ ފަހަރެވެ.