ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނުގައި މިއަދު ހަވީރު ބްލޫސް ފޯރ ވޮލީބޯލްއާ ދެކޮޅަށް ކުޅުނު މެޗުން ސްޕޯޓްސް ކުލަބު ސިޓީ މޮޅުވެއްޖެއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ވާދަވެރިކޮށް ފެނިގެންދިޔައިރު، މި ދެ ސެޓު ސިޓީން ގެންގޮސްފައިވަނީ 32-30 އަދި 25-23 އިންނެވެ. އެކަމަކު މެޗުގެ ތިންވަނަ ސެޓުގައި ބްލޫސް ފޯރ ވޮލީބޯލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ސިޓީން ގެންގޮސްފައިވަނީ 25-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިޓީގެ ބިދޭސީ ކުޅުންތެރިޔާ އަރްޔާން ބަލްޔާންއެވެ.
މި މެޗުން ސިޓީ މޮޅުވިއިރު، އެ ޓީމު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ހުރާ ކޮމިއުނިޓީ ކުލަބު އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 25-11، 25-17 އަދި 25-21 އިންނެވެ.
ވީއޭއެމް ކަޕުގެ ފިރިހެން ޑިވިޝަނުގައި އަށް ޓީމެއް ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އެޗްޑީސީ އާއި، ހުރާ ކޮމިއުނިޓީ ކުލަބާއި، ސްޕޯޓްސް ކުލަބު ސިޓީ އަދި ބްލޫސް ފޯރ ވޮލީބޯލްއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބާއި، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ޕޮލިސް ކުލަބުގެ އިތުރުން ދަ ސަދާން ސްޕޯޓްސް ކުލަބެވެ.