ފީފާ ކްލަބް ވޯލްޑް ކަޕްގައި މިއަދު އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބަރގް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
ގްރޫޕް އެޗް ގައި ކުޅުނު މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. މި މެޗުން ބަލިވި ސަލްޒްބަރގް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ގްރޫޕްގައި ދެން ހިމެނޭ އަލް ހިލާލް އާއި ޕަޗޫކާ ކުޅުނު މެޗުން އަލް ހިލާލް މޮޅުވެ އެ ޓީމަށް ލިބުނު ފަސް ޕޮއިންޓާއެކު ސަލްޒްބަރގް ވަނީ މުބާރާތުން ކަޓާފަ އެވެ.
ފިލަޑެލްފިއާގެ ލިންކޮން ފައިނޭންޝަލް ފީލްޑް ގައި ކުޅުނު މި މެޗަށް ރެއާލް މެޑްރިޑް ނިކުތްއިރު އެ ޓީމުގެ މުހިންމު ފޯވަޑް ކިލިއަން އެމްބާޕޭ ޓީމުގައި ހިމަނާފައެއް ނުވެއެވެ. ބޭރަށް ހިންގާ ހޮޑުލެވުމުގެ ސަބަބުން މީގެ ކުރިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުން އޭނާ ވަނީ އެންމެ ފަހުން އޮތް ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.
ރެއާލް މެޑްރިޑް އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގެ 40 ވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއަރ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ކުރި ހޯދަދީފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައި ފެޑެރީކޯ ވަލްވާޑް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ގޮންޒާލޯ ގާސިއާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މުބާރަތުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑް އާއި ދެކޮޅަށް ނިކުންނާނީ ގްރޫޕް ޖީ ގެ ދެވަނަ ޓީމު ކަމުގައިވާ އިޓަލީގެ ޔުވެންޓަސް އެވެ.