މިއަހަރުގެ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހު ޑްރަގް ކޯޓުން ޢާންމުކުރި ތަފާސްހިސާބުތަކުން މިދިޔަ 13 އަހަރު އެ ކޯޓަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން %88 މައްސަލަ ނިންމާފައިވާކަން ހާމަވެއްޖެއެވެ.
ތަފާސްހިސާބުތަކުގައިވާ ގޮތުން 2011 ވަނަ އަހަރު އުފެދުނު ޑްރަގް ކޯޓަށް މިހާތަނަށް 11،700 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވެއެވެ. އޭގެ ތެރެއިން %94 މައްސަލާގައި ފިރިހެނުން ހިމެނޭއިރު، %3 މައްސަލާގައި އަންހެނުން އަދި ބާކީ ހުރި މައްސަލަތަކުގައި ހިމެނެނީ ކުޑަކުދިންނެވެ.
ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ މެއި މަހުގެ ނިޔަލަށް ޑްރަގް ކޯޓަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން ނުނިމިވަނީ 1،376 މައްސަލައެވެ. މިއީ މިހާތަނަށް ހުށައެޅުނު މައްސަލަތަކުގެ %12 އެވެ. އެހެންކަމުން ކޯޓުން ވަނީ %88 މައްސަލަ ނިންމާފައެވެ.
ޑްރަގް ކޯޓުން ވިދާޅުވީ ނިނިމިވާ މައްސަލަތަކުގެ ތެރެއިން 1،192 މައްސަލައިގައި ހިމެނޭ މީހުންނަކީ ފަރުވާގެ މަރުހަލާގައި ތިބި މީހުން ކަމަށެވެ. އަދި އަދި ރީހެބިލިޓޭޝަން އަމުރުކުރުމުގެ ކުރީގެ މަރުހަލާގައި 184 މައްސަލަވާކަމަށް ތަފާސްހިސާބުގައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިހާނަށް 5،148 މައްސަލައިގައި ފަހުގެ ޙުކުމް ޑްރަގް ކޯޓުން ކޮށްފައިވެއެވެ. އޭގެ ތެރެއިން ފަހުގެ ޙުކުމް ކުރެވުނު ފަހުން، 946 މީހުންގެ މައްސަލަ ކޯޓަށް އަލުން ހުށައަޅާފައިވެއެވެ.
ޑްރަގް ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2،389 މައްސަލައިގައި ފަރުވާއިން ވަކިކޮށް، ޖަލު ހުކުމް ތަންފީޒުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. އޭގެ ތެރެއިން ފަރުވާއިން ވަކިކުރިފަހުން، 498 މީހުންގެ މައްސަލަ ކޯޓަށް ހުށަހެޅިފައިވެއެވެ. މިއީ ފަރު ފުރިހަމަކުރުމަށްފަހު މަސްތުވާތަކެތި ބޭނުންކުރުމުން އަލުން މައްސަލަ ހުށައެޅުނު އަދަދެވެ.
ޑްރަގް ކޯޓަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ކުރާ ކުށުގެ މައްސަލަތައް ބަލައި، މަސްތުވާތަކެއްޗަށް އެމީހުން ބޭނުންވާ މިންވަރު މަދުކުރުމަށްޓަކައި ނުވަތަ ނައްތާލުމަށްޓަކައި ފަރުވާގެ ޚާއްޞަ ޕްރޮގްރާމްތަކެއްގައި އެމީހުން ބައިވެރިކުރުވައި، ފަރުވާ ލިބިގަތުން ލާޒިމުކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެމީހުން މުޖުތަމަޢުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާކުރުމަށްޓަކައި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ޤާއިމުކޮށްފައިވާ ކޯޓެކެވެ.
މި ކޯޓުގައި 5 ޤާޟީން ތިއްބަވާއިރު، ކޮންމެ މައްސަލައެއްވެސް ބައްލަވަނީ 1 ޤާޟީއެވެ. މައްސަލަ ބައްލަވާނެ ޤާޟީއެއް ކަނޑައަޅުއްވަނީ އިސް ޤާޟީއެވެ.