ޚަބަރު

ހެޔޮއަގުގައި ރާއްޖެއިން އައިނު ހެއްދޭނެ އިންތިޒާމު


  • އާސަންދައިން އައިނު ހެއްދުމަށް ކޮންމެ 2 އަހަރަކުން 2000 ރުފިޔާ ލިބޭނެ

  • ކުރިއަށް އޮތްތަނުގައި އައިނު ވިޔަފާރި ތެރެއަށް އައިޖީއެމްއެޗުން ވަންނާނެ

ނަމްބަރު އައިނު ހެދުމަށް 2024 ވަނަ އަހަރު 36000 އަށްވުރެ ގިނަ ފަރާތަކަށް 36 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އާސަންދައިގެ ދަށުން މިދިޔަ ޖޫން މަހުގެ 1 ގެ ކުރިން އައިނު ހެއްދުމަށް ދޫކުރަމުންދިޔައީ ކޮންމެ ދެއަހަރަކުން 1000 ރުފިޔާއެވެ.

ލޮލުގެ ފެނުމަށް އަންނަ ބަދަލާއެކު އައިނު އަޅަން މަޖުބޫރުވުމަކީ ސިއްޙީގޮތުން ކުރިމަތިވާ ޙާލަތެއްނަމަވެސް ރާއްޖޭގެ ސިއްހީ ނިޒާމުގައި އެކަމަށް ދެމުންދިޔަ އެހީތެރިކަން އޮތީ ވަރަށް ހަނިކޮށެވެ. މިގޮތުން ލޮލުގައި އަޅާ ނަމްބަރު އައިނު ހެއްދުމަށް ސަރުކާރުގެ ހެލްތު އިންޝުއަރެންސްގެ ތެރެއިން ކޮންމެ ދެއަހަރަކުން އެއްއަހަރު ފޯރުކޮށްދެމުންދިޔައީ 1000 ރުފިޔާގެ އެހީއެކެވެ. ރާއްޖޭގައި ލޮލުގެ ފަރުވާއާއި ނަމްބަރު އައިނު ހެއްދުމުގެ ވިޔަފާރިކުރަމުން އަންނަ ފަރާތްތަކަށް ބަލާއިރު އެންމެ އާދައިގެ އައިނު ހެއްދުމަށްވެސް 2500 ރުފިޔާއަށްވުރެ މަތިން ޚަރަދުތައް ހިނގައެވެ.

މިގޮތުން އައިނު ހެއްދުމަށް ޑޮކްޓަރަށް ދެއްކުމާއި ލެންސުގެ އިތުރުން އައިނުގެ ދުނިގަނޑާއެކު އައިނު ހައްދާއިރު ރަނގަޅު އައިނެއް ހެއްދުމަށް 3500 އާއި 4000އާއި ދެމެދު ހޭދަކުރަންޖެހެއެވެ. އަދި ލޮލުގައި ހުންނަ މައްސަލައިގެ ސަބަބުން ލެންސް ނަމްބަރު މަތި މީހުންގެ ލެންސް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިގެން ހެދުމަށްވެސް އިތުރު ހޭދަތަކެއް ކުރަންޖެހެއެވެ.

ލޮލަށް ފެނުމުގެ ދަތިކަން ހުންނަ މީހުންގެ ދިރިއުޅުން ޢާންމު މީހުންނެކޭ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ބޭނުންވާ އެންމެ އަސާސީ އެކައްޗަށް އައިނުވެފައިވާއިރު އައިނު ހެއްދުމަށް ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ހެލްތު އިންޝުއަރެންސްގެ ތެރެއިން އައިނު ހެއްދުމަށް އޮންނަ އުސޫލާއެކު އައިނު ހެއްދުމަށް ދެއަހަރުން އެއްއަހަރު 1000 ރުފިޔާ ދޫކުރާއިރު އޭގެ ސަބަބުން ކުރިމަތިވާ މާލީ ދަތިކަމާއެކު އޮންނަ މުއްދަތުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމަށް ފަރުވާ ކުޑަކުރެވޭކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

އައިނު ހެއްދުމަށް ނިމިދިޔަ 2024 ވަނަ އަހަރު އާސަންދައިގެ ދަށުން 36950 ފަރާތަކަށް އެހީތެރިކަންވަނީ ފޯރުކޮށްދީފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމަތު ދެއްވަމުން އާސަންދައިން ވިދާޅުވީ، މިފަރާތްތަކަށް އައިނު ހެދުމަށް އާސަންދައިގެ ތެރެއިން ތިރީސް ހަ މިލިއަން ތިން ލައްކަ ހަތްދިހަ ހަތްހާހަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ބަލި މީހާގެ އަތުން ހިނގާ ޚަރަދު މިހާތަނަށް ބަލަހައްޓަމުން ގޮސްފައި ނުވާކަމަށް އާސަންދައިން ވިދާޅުވެއެވެ. އައިނު ހެއްދުމަށް މިހާރު އޮތް އުސޫލު ބަދަލުކޮށްދިނުމަށް ގިނަ ބަޔަކު އެދެމުންދަނިކޮށް މިކަމަށް ހައްލެއް ސަރުކާރުން މިހާރު މިވަނީ ގެންނަވާފައެވެ. އެގޮތުން އައިނު ހެއްދުމަށް މީގެކުރިން ދެމުންދިޔަ 1000 ރުފިޔާގެ ބަދަލުގައި 2000 ރުފިޔާ އާސަންދަ ސްކީމްގެ ތެރެއިން އައިނު ހެއްދުމަށް ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ.

އަދި ކުރިއަށް އޮތްތަނުގައި އައިނު ވިޔަފާރިއަށް ސަރުކާރުގެ މައި ހޮސްޕިޓަލް މާލެ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މިއާއެކު އަވައްޓެރި ޤައުމުތަކުން އައިނު ހެއްދޭ ހެޔޮ އަގުގައި ރާއްޖެއިންވެސް އައިނު ހެއްދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސަރުކާރުގެ މި ނިންމެވުމާއެކު ވިޔަފާރި ކުރުމުގެ ނަމުގައި އާންމުންގެ އަސާސީ އަދި ޒަރޫރީ ކަންކަމަށް ހުރަސް އެޅޭގޮތަށް މިކަން ބައްޓަންވެފައި އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ.