ޚަބަރު

އެމްބުއޭމޯއަށް ޔުނައިޓެޑުން ހުށަހެޅި 62.5 މިލިޔަން ޕައުންޑަށް ބްރެންޓްފަޑުން ނޫނެކޭ ބުނެފި


އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު ބްރެންޓްފަޑުގެ ފޯވާޑް ބްރަޔަން އެމްބުއޭމޯ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ދެވަނަ ފަހަރަށް ހުށަހެޅި 62.5 މިލިޔަން ޕައުންޑް އެ ކުލަބުން ދޫކޮށްލައިފިއެވެ.

ކެމަރޫން އަށް އުފަން އުމުރުން 25 އަހަރުގެ ފޯވަޑް ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑް އިން ފުރަތަމަ ހުށައަޅާފައިވަނީ މި މަހުގެ ކުރީކޮޅު 45 މިލިއަން ޕައުންޑުގެ އިތުރުން 10 މިލިއަން ޕައުންޑުގެ އެޑްއޮން އާއިއެކު ޖުމްލަ 55 މިލިއަން ޕައުންޑުގެ ހުށައެޅުމެކެވެ.

ނަމަވެސް އެ ހުށައެޅުން އެ ކްލަބުން ދޫކޮށްލުމުން ދެވަނަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑް އިން ހުށައަޅާފައިވަނީ 55 މިލިއަން ޕައުންޑާއި އެޑްއޮންގެ ގޮތުގައި 7.5 މިލިއަން ޕައުންޑާއިއެކު ޖުމްލަ 62.5 މިލިއަން ޕައުންޑެވެ.

ކުރިއަށް އޮތް ސީޒަނަށް މެންޗެސްޓަރ ޔުނައިޓެޑް ވަރުގަދަ ކުރުމުގެ މަސައްކަތް އެ ކްލަބުން ކުރަމުންދާއިރު, މީގެ ކުރިން ޔުނައިޓެޑް އިން ވަނީ ވޮލްވްސްގެ ފޯވަޑް މެތިއުސް ކޫނިއާ އެ ކްލަބަށް ގެންގޮސްފަ އެވެ. ކޫނިއާ ޔުނައިޓެޑާއި ގުޅިފައިވަނީ 62.5 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

އެމްބުއޭމޯ ހޯދުމަށް ޕްރިމިއާ ލީގުގެ އިތުރުން ޗެމްޕިއަންޝިޕްގެ ކްލަބްތަކުންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޓޮޓްނަމް ހޮޓްސްޕަރ ހިމެނެއެވެ.

މިދިޔަ ސީޒަނުގައި އެމްބުއޭމޯ ވަނީ ބްރެންޓްފޯޑަށް 20 ލަނޑު ޖަހާ އިތުރު 9 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އެމްބުއޭމޯ ޔުނައިޓެޑާއި ގުޅުނު ނަމަވެސް ކުރިއަށް އޮތް ސީޒަނުގައި އޭނާއަށް ހަތަރު ހަފްތާ އަށް ކްލަބް ފުޓްބޯޅަ އާއި ދުރަށް ދާން ޖެހޭނެ އެވެ. އެއީ އަންނަ ޑިސެމްބަރ މަހު ފެށުމަށް ހަމަޖެހިފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ ކެމަރޫންގެ ޓީމުގައި އޭނާ ހިމެނޭނެތީ އެވެ.

އެމްބުއޭމޯ ހޯދުމަށް ޔުނައިޓެޑް އިން މަސައްކަތް ކުރަމުންދާއިރު ޔުނައިޓެޑްގެ އަލެހަންދްރޯ ގަރްނާޗޯގެ މުސްތަގުބަލާއިމެދު މިހާރު ވަނީ އިތުރަށް ސުވާލު އުފެދިފަ އެވެ. މީގެ ކުރިން ގަރްނަޗޯ އަކީ ކޯޗު އަމޮރިމްގެ ޕްލޭނުގައި ހިމެނޭ ކުޅުންތެރިއެއް ނޫން ކަމަށާއި އެހެން ކްލަބެއް ހޯދުމަށް އޭނާ ކައިރި އަމޮރިމް ބުނެފައިވާކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ގަރްނާޗޯ ވަނީ ދާދި ފަހުން އޭނާ އާއިއެކު ޔުނައިޓެޑަށް ކުޅުނު މާކަސް ރަޝްފޯޑްގެ ނަން ޖަހާފައިވާ އެސްޓަން ވިލާގެ ޖާޒީއެއް ލައިގެން ނަގާފައިވާ ފޮޓޯއެއް އޭނާގެ ސޯޝަލް މީޑިޔާއަށް ދޫކޮށްލާފަ އެވެ.