ކުޅިވަރު

ވީއޭއެމް ކަޕް: ކުލަބު އެޗްޑީސީއަށް ދެވަނަ މޮޅު


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނުގައި މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އެޗްޑީސީން މުބާރާތުގެ ދެވަނަ މޮޅު ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު އެޗްޑީސީން ކާމިޔާބުކުރީ ސްޕޯޓްސް ކުލަބު ސިޓީ އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ.

ސިޓީގެ ފަރާތުން ދަށް ކުޅުމެއް މެޗުގައި ފެނިގެންދިޔައިރު، އެޗްޑީސީން ވަނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ސެޓު އެޗްޑީސީން ގެންދިޔައީ 25-17 އިންނެވެ. ދެވަނަ ސެޓުގައި ސިޓީ ޓީމުން ފަރަގުކުޑަކުރި ނަމަވެސް، އެޓީމަށް އެޗްޑީސީ މައްޗަށް ކުރި ހޯދޭގޮތެއް ވަނީ ނުވެފައެވެ. މި ސެޓު އެޗްޑީސީ ގެންދިޔައީ 25-22 އިންނެވެ.

އަދި މެޗުގެ ފަހު ސެޓު އެޗްޑީސީން ކާމިޔާބުކުރީ 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޗްޑީސީ ޓީމަށް މޮޅަށް ކުޅުނު އެ ޓީމުގެ ކެޕްޓަން އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އެވެ. މިއީ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އެޗްޑީސީން ވިދިވިދިގެން ހޯދި ދެވަނަ މޮޅެވެ.

ވީއޭއެމް ކަޕުގެ ފިރިހެން ޑިވިޝަނުގައި އަށް ޓީމެއް ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އެޗްޑީސީ އާއި، ހުރާ ކޮމިއުނިޓީ ކުލަބާއި، ސްޕޯޓްސް ކުލަބު ސިޓީ އަދި ބްލޫސް ފޯރ ވޮލީބޯލްއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބާއި، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ޕޮލިސް ކުލަބުގެ އިތުރުން ދަ ސަދާން ސްޕޯޓްސް ކުލަބެވެ.