މިނިވަން 60 ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް އެވުޒާރާއާއި، ދަޢުލަތުގެ މުއައްސަސާތަކާއި އެސްއޯއީތަކާއި، ޕޮލިސް، އެމްއެންޑީއެފް އަދި ކެޑޭޓް ކޯގެ ގުޅިގެން މިހާރު އަންނަނީ ތައްޔާރީތައް ވަމުންނެވެ.
ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާތިކާ އިބްރާހީމް ވިދާޅުވީ، ހަރާކްތައް ކުރިއަށް ގެންދަނީ 3 ދުވަހަށް ބަބަހާލައިގެންކަމަށެވެ.
"26ވަނަ ދުވަހު ހެނދުނު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިދަނެގުން ކުރިއަށްދާނެ. ހަވީރު މާލޭގައި ޖުމްހޫރީ މައިދާނުގައި ހެވިކަމުގެ ކުޅިވަރު އޮންނާނެ. އެމްއެންޑީއެފްއާއި ކެޑޭޓްކޯގެ ޕެރޭޑު، 4 ސްކޫލެއްގެ 2 ހަރާކާތް އަދި ވުޒާރާގެ ސަޤާފީ އައިޓަމެއް އޮންނާނެ. ރޭގަނޑު މާލޭގައި ފުޅަނދުބުރު އޮންނާނެ." އާތިކާ ވިދާޅުވިއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ 27 ވަނަ ދުވަހު ހެނދުނު 09:00ގައެވެ. އެދުވަހު ހަވީރު 4:15ގައި މާލޭގެ ބޮޑެތި މަގުތަކުގައި ޕެރޭޑާއި ރޫޓް މަރޗް އޮންނާނެއެވެ. އަދި ރޭގަނޑު ހުޅުމާލޭގައި ހަވާއެރުވުމުގެ ހަރަކާތަކާއެކު، ފުޅަނދުތައް ދައްކާލުން އޮންނާނެއެވެ.
28ވަނަ ދުވަހުގެ ހެނދުނު އޮންނާނީ ދަޢުލަތަށް ދިގު މުއްދަތަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތެވެ. މިދުވަހު ހަވީރު ހުޅުމާލޭގައި ޕެރޭޑާއި ރޫޓްމާޗް ކުރިއަށްދާނެއެވެ.
ރަސްމީ ހަރަކާތްތަކުގެ އިތުރުން، އާއްމުކޮށް ހުޅުވާލައިގެން ފޮޓޯގްރަފީ މުބާރާތަކާއި، ސްކޫލް ދަރިވަރުންނަށް މަޒުމޫނު ލިޔުމާއި ކުރެހުމުގެ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި އެންސީއޭއާއި ގުޅިގެން ފިލްމް ފެސްޓިވަލެއް ބޭއްވުމަށް މަޝްވަރާކުރަމުންދާކަމަށްވެސް އާތިކާ ވިދާޅުވިއެވެ.
މިނިވަން 60ގެ ޚާއްސަ ލޯގޯ މިހާރު ވަނީ އާއްމުކޮށްފައެވެ. ލޯގޯ ކަނޑައަޅާފައިވަނީ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުޞަތުގައި ލިބުނު ހުށައެޅުންތަކުގެތެރެއިންނެވެ.
މީގެއިތުރުން އެމްއެންޑީއެފާއި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގުޅިގެން، މިނިވަން 60އަށް ޚާއްސަ ލަވައެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.