މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ތަރައްޤީކުރާ ފުރަތަމަ އާންމު ބަލީގެ ކްލިނިކް މިމަހު ހުޅުވާނެކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
މާލެ ސަރަޙައްދުގައި މިފަދަ 4 ކްލިނިކް ޤާއިމުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލްތަކަށް އޮންނަ ބާރު ކުޑަކޮށް، އާންމުންނަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުގެ ކަމާ ގުޅޭ މުވައްސަސާތައް ގުޅިގެންދަނީ މަސައްކަތްކުރައްވަމުންނެވެ.
މި މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަދައްކަވަމުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ފަސޭހަ ނިޒާމެއްގެ ތެރެއިން ޑޮކްޓަރަށް ދެއްކޭނެ މަގުފަހިކުރުމަށް މާލޭގައި އާންމު ބަލީގެ ކްލިނިކްތައް ޤާއިމުކުރަމުންދާކަމަށެވެ. އަދި މިފަދަ ފުރަތަމަ ކްލިނިކް މިމަހު ހުޅުވާނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެޕޮއިންޓްމަންޓަށް ރިކުއެސްޓްކުރައްވާ ގިނަ ބޭފުޅުން އަންނަނީ ރިފަރަލް ނިޒާމެއްގެ ތެރެއިނެއް ނޫން އެޕޮއިންޓްމަންޓް ނޯޓުކުރަން މިއަންނަނީ. އެހެންވީމަ އެކަމަށް ހައްލެއް ގެނެވިއްޖިއްޔާ ސީދާ ދައްކަންޖެހޭ ޑޮކްޓަރަށް ރިފަރކުރެވިގެން އައިމަ މިކަމަށް ހައްލެއް އަންނާނެކަމަށް މިބަލަނީ. އެކަމަށްޓަކައި ޖީޕީ ކްލިނިކްތައް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން." ސީއީއޯ ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ހުޅުވާ ފުރަތަމަ އާންމު ބަލީގެ ކްލިނިކް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަނީ މަފަންނު ކޮރަލް ބޮލެވަރޑް ހުރި ޢިމާރަތުގައެވެ.
ސްޕެޝަލިސްޓުން ނުވަތަ ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމު މިއާއެކު، ހަމަޖެހިގެންދާނީ ޖީޕީ ކްލިނިކް ނުވަތަ އާންމު ބަލީގެ ކްލިނިކްތަކަށް ޑޮކްޓަރަށް ދެއްކުމަށްފަހު އެތަނުން ޚާއްސަ ބަލީގެ ޑޮކްޓަރަކަށް ދެއްކުމަށް ޑޮކްޓަރުން އިރުޝާދު ދެއްވުމުންނެވެ.
ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް އިތުރަށް ފަސޭހަ ކުރުމަށްޓަކައި ޓެލެމެޑިސިންގެ ޚިދުމަތް ފެށުމަށްޓަކައިވެސް ތައްޔާރުވަމުންދާކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްވަނީ ވިދާޅުވެފައެވެ. މިއާއެކު އަތޮޅުތަކުން މާލެއަށް ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކަށް ފުރަތަމަ އޮންލައިން ކޮންސަލްޓޭޝަނަށްފަހު ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު އެއާއެކު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ނުވަތަ ދެން ކަންތައް ކުރަންޖެހޭނެ ގޮތެއް ތަރުތީބުވެގެންދާނެކަމަށް ވިދާޅުވިއެވެ.
ސިއްޙަތާ ބެހޭ ވުޒާރާއާއި ބައެއް އަތޮޅުތަކުގައި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ގުޅިގެން މިވަގުތު މިނިޒާމު ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާކަން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ފާހަގަކުރައްވައެވެ. މިނިޒާމާއެކު އަތޮޅުތަކުން ޑޮކްޓަރަށް ދެއްކުމަށް މާލެއައިސް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ލުއިވެ ޚިދުމަތް ފަސޭހަވެގެންދާނެކަން އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ. މިޚިދުމަތް ދިނުމުގައި ބޭނުންކުރަނީ އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތައްކަން އެހޮސްޕިޓަލުންވަނީ ފާހަގަކުރައްވާފައެވެ.