އާސެނަލްގެ ޑޮކްޓަރު ޒަފަރު އިގްބާލްއާ ބައްދަލުކުރައްވައި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ސްޕޯޓްސް މެޑިސިންގެ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އާސެނަލްގެ ޑޮކްޓަރ ވަނީ އާސެނަލާއި ލިވަޕޫލް އާއި ޓޮޓްނަމް އާއި ކްރިސްޓަލް ޕެލަސްގައި އޭނާ މަސައްކަތް ކުރެއްވި ދުވަސްވަރުގެ ތަޖްރިބާ ހިއްސާ ކޮށްފައެވެ. އަދި ކުޅިވަރުގައި އޭނާއަށް ލިބިފައިވާ އިލްމު ވަޒީރާއި ހިއްސާކުރައްވާ، ކުޅިވަރުގައި ލިބޭ ހާނިއްކައިން ރައްކާތެރިވުމާއި ރިހިބިލިޓޭޝަނާއި ގުޅޭ ދާއިރާއިން މައުލޫމާތު ހިއްސާކުރެއްވިއެވެ.
އަދި ރާއްޖެއާއި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާއި ކުޅިވަރުގެ ދާއިރާގައި ރިހިބިލިޓޭޝަނާއި އަނިޔާއިން ސަލާމަތްވުމާއި ގުޅޭ ދާއިރާ ތަރައްޤީކުރުމާއި ގުޅޭ ގޮތުން މިނިސްޓަރ ރާފިޢު އާއި އާސެނަލްގެ ޑޮކްޓަރު ވަނީ މަޝްވަރާ ކުރައްވާފައެވެ.
ޕާކިސްތާނަށް އުފަން ޑޮކްޓަރ ޒަފަރު އިގްބާލަކީ އާސެނަލްގެ ހެޑް އޮފް ސްޕޯޓްސް މެޑިސިންއެވެ. އޭނާ އާސެނަލްގެ ޑޮކްޓަރުކަމާއި ހަވާލުވީ 2024 ވަނަ އަހަރުގެ ފެބުރުއަރީގައެވެ. އޭނާއަކީ މިދާއިރާގެ ދުވަސްވީ ތަޖްރިބާކާރު ޑޮކްޓަރެކެވެ.
ވަޒީރު ރާފިޢު އާއި ދެބޭފުޅުން ކުރިޔަށް ގެންދެވި މަޝްވަރާތަކުގައިވަނީ ސްޕޯޓްސް މެޑިސިންގެ ދާއިރާގައި އިގްބާލްގެ ތަޖރިބާ ހިއްސާ ކުރައްވާ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅުއްވާފައެވެ. ވަޒީރު ރާފިޢުއަކީވެސް ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ތައުލީމު ހަސިލްކުރައްވާފައިވާ މި ދާއިރާގެ ތަޖުރިބާކާރެކެވެ. ވަޒީރުވަނީ ގައުމީ ޓީމުގެ މެޑިކްގެ މަގާމުވެސް އަދަަކުރައްވާފައެވެ.