އިންޓަރ އޮފީސް ބީޗް ހޭންޑްބޯލް ޗެލެންޖުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި އެމްޕީއެލް އާއި ވެމްކޯ ބައްދަލުކުރަން ޖެހިއްޖެއެވެ.
އެމްއެންޑީއެފާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލު މެޗު 0-2 ން ކާމިޔާބުކޮށް އެމްޕީއެލް ފައިނަލަށް ދަތުރުކުރި އިރު މި މެޗުގައި ދެ ޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މި މެޗުގެ ފުރަތަމަ ސެޓު 13-9 ން ކާމިޔާބުކުރީ އެމްޕީއެލްއެވެ. ދެވަނަ ސެޓް އެއަށްވުރެ ފަސޭހަކަމާއެކު 11 ޕޮއިންޓްގެ ބޮޑު ތަފާތަކުން އެމްޕީއެލް ގެންދިޔައީ 20-9 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ރާއިދު ރަޝީދެވެ.
ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބީސީސީ އާއި ދެކޮޅަށް ކުޅެ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ވެމްކޯއިންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ވެމްކޯއިން ގެންދިޔައީ 16-9 ންނެވެ. ދެވަނަ ސެޓު ވެމްކޯއިން ކާމިޔާބުކުރީ 24-22 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ އަހުމަދު ރައުލް އައްސަދެވެ.
ކުޅިވަރު ވުޒާރާއާއި ހޭންޑްބޯލް މޯލްޑިވްސްގެ އެހީތެރިކަމާއެކު ވަން ގޭމްއިން އިންތިޒާމުކޮށްގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދާ އިންޓަރ އޮފީސް ހޭންޑްބޯލް ޗެލެންޖްގެ ފިރިހެން ޑިވިޝަނުގެ 11 ޓީމަކުން ވާދަކުރިއެވެ.