މާލޭ ގެއެއްގެ ތެރޭގައި ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓައި އަނިޔާކުރި މައްސަލައާ ގުޅިގެން ހިފަހައްޓާފައި ހުރި މީހާ ހޯދައި ފަރުވާދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިއީ 44 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭ ގެއެއްގެ ތެރޭގައި ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓާ އަނިޔާކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށައަޅާފަވަނީ އިއްޔެކަމަށެވެ. މިމައްސަަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެމީހާ ހުރިތަން ހޯދިފައިވަނީ މިއަދުކަމަށެވެ. އަދި ހިފަހައްޓާފައިވާ މީހާ ސަލާމަތްކޮށް، އެމީހާއަށް ލިބުނު އަނިޔާއަށް އައިޖީއެމް ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައިގައި ތުޙުމަތުކުރެވޭ މީހާ ކުށުގެ ވެށިން، ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫ، ސުވާސާގެ، އުމުރުން 48 އަހަރުގެ އިބްރާޙިމް ސައީދުއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.