ހުޅުމާލޭ ބީޗް ހޭންޑްބޯލް ގްރައުންޑުގައި ވަރަށް ފޯރިއާއިއެކު ކުރިޔަށް ގެންދިޔަ އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމްޕީއެލް އިން ހޯދާއިފިއެވެ.
އެމްޕީއޭލް މުބާރާތުގެ ތަށި އުފުލާލީ ރޭ ކުޅުނު ފައިނަލް މެޗުގައި ސީދާ ދެ ސެޓުން ވެމްކޯ ބަލިގެންނެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ވަރަށް ފޯރިއާއި އެކު ރޭ ކުޅުނު ފައިނަލް މެޗުގެ ވަރަށް ކުރީކޮޅު އެމްޕީއެލްއިން ލީޑު ނެގިތަން ފެނިގެން ދިޔައެވެ. މި މެޗުގެ ފުރަތަމަ ސެޓް އެމްޕީއެލްއިން ކާމިޔާބު ކުރީ 22-16 ޕޮއިންޓުންނެވެ.
ފުރަތަމަ ސެޓުގައި 6 ޕޮއިންޓުގެ ލީޑެއް އެމްޕީއެލުން ނެގިނަމަވެސް ދެވަނަ ސެޓުގައި ވެމްކޯއިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. އަދި ދާދި އެއްވަރެއްގައި ސްކޯ ހިފަހައްޓަމުން އައިސް ދެވަނަ ސެޓު އެމްޕީއެލްއިން ކާމިޔާބުކުރީ 24-22 ޕޮއިންޓުންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޭގެ މެޗުގައި އެމްޕީއެލަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދިން އަހުމަދު ޝާނީޒެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަށް ހޮވުނީ އެމްޕީއެލްގެ ޝާނީޒް އާއި އަހުމަދު އިނާޝް އާއި ވެމްކޯގެ ރަޒުނީ މުހައްމަދު އަދި ވެމްކޯގެ ކެޕްޓަން އަހުމަދު ރައުލް އައްސަދެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އެމްއައިބީގެ އަހުމަދު ޝަމީމެވެ.
މިއީ ވަންގޭމް އިން އިންތިޒާމުކޮށްގެން ކުޅިވަރު ވުޒާރާއާއި ހޭންޑްބޯލް މޯލްޑިވްސްގެ އެހީތެރިކަމާއެކު މާލެ ސަރަހައްދުގެ އޮފީސްތަކަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ބީޗް ހޭންޑްބޯޅަ މުބާރާތެވެ.