ޚަބަރު

ރާއްޖެއާއި އިންޑިއާއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓު އިތުރަށް ފުޅާކުރަން މަޝްވަރާކޮށްފި


  • މިމަޝްވަރާތައް ކޮށްފައިވަނީ ވަޒީރު ސަޢީދު އިންޑިއާގެ ކޮމާސް ސެކްރެޓަރީއާ ބައްދަލުކުރައްވައި

  • އިޤްތިޞާދީ ނަފާ އިތުރުކުރުމުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި

ރާއްޖެއާއި އިންޑިއާއާ ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމަށް މަޝްވަރާކުރައްވައިިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބަރަތުވާލްއާ ބައްދަލުކުރައްވައެވެ. މި ބައްދަލުކުރެއްވުމުގައި ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އިންޑިއާގެ ކޮމާސް ސެކްރެޓަރީއާ ބައްދަލުކުރައްވައި ދެ ޤައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އިތުރު ގުޅުންތައް ގާއިމްކޮށް އިޤްތިޞާދީ ނަފާ އިތުރުކުރުމުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.

ދެ ޤައުމުގެ ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓުތައް އިތުރަށް ފުޅާކުރުމަށް މަޝްވަރާކުރައްވާފައިވާއިރު ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ ފުރުޞަތުތަކުގެ މަޢުލޫމާތުތައް ހިއްސާ ކުރުމަށް އިންޑިއާގެ 3 ސިޓީއެއްގައި ބިޒްނަސް ފޯރަމްތައްވެސް މީގެ ކުރިން ވަނީ ބާއްވާފައެވެ.

ރާއްޖޭގެ ތަރައްގީގެ އިތުރުން މީހުން ބިނާކުރުމުގައިވެސް އިންޑިއާއަކީ މުހިންމު ބައިވެރިއެކެވެ. މިގޮތުން މިހާރު އިންޑިއާއިން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ތިލަމާލެ ބްރިޖް މަޝްރޫޢާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ. މީގެއިތުރުންވެސް އިންޑިޔާއިންވަނީ 400 މިލިއަން ކަރަންސީ ސްވޮޕް ފެސިލިޓީއެއްވެސް ހަމަޖައްސައި ދީފައެވެ.