ގދ. ރަތަފަންދޫ ބަނދަރު މަރާމާތުކޮށް އިތުރަށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އިޢުލާންކުރައްވައިފިއެވެ.
ގދ. ރަތަފަންދޫ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގަތީ މިއަހަރުގެ ޖެނުއަރީ މަހު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރަތަފަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަތަފަންދޫގައި ކުޑަ އާބާދީއެއް އޮތް ނަމަވެސް އެ ރަށަށް ބޭނުންވާ ކަންކަމަކީވެސް މުހިންމު ކަންކަން ކަމަށާއި އެ ރަށުގެ ރައްޔިތުންގެ އުއްމީދުތަކުގައި ޙަޤީޤީ ކުލަ ޖައްސަވައިދެއްވާނެ ކަމަށެވެ. އެ ގޮތުން ރަށުގެ ބަނދަރު ތަރައްގީ ކުރުމަކީ ރައްޔިތުން އެދޭ ކަމެއް ކަމަށާއި މިއަހަރު ކުރިއަށްގެންދާ ބަނދަރު މަޝްރޫޢުތަކުގެ ތެރެއިން ރަތަފަންދޫގެ ބަނދަރުވެސް ތަރައްގީ ކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ އެ ވަޢުދާއި އެމަނިކުފާނު ދެއްވި ޔަޤީންކަމާ އެއްގޮތަށް މި އަހަރުގެ ތެރޭގައި ރަތަފަންދޫ ބަނދަރުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ބިޑު ހުށައެޅުމުގެ ފުރުޞަތު މާލީ ވުޒާރާއިން މިހާރު މިވަނީ ހުޅުވާލާފައެވެ.
މާލީ ވުޒާރާއިން ވިދާޅުވީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ރަތަފަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތާ ބެހޭ ހުރިހާ ލިޔެކިޔުންތައް މާލީ ވުޒާރާގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 13:00 ޖެހުމުގެ ކުރިންނެވެ. އަދި ބިޑު ހުޅުވުން އޮންނާނީ ޖެހިގެން އަންނަ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރުއެވެ.
ރަތަފަންދޫ ބަނދަރުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތުގެ ދަށުން 221 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި ކަނޑިންމާ ބައްތި ހަރުކުރުމާއި 21 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 312.7 މީޓަރުގެ ޖެޓީއެއް ހެދުމާއި ވެލި އެއްވަރުކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ.