ހަނިމާދޫ އެއަރޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށް ބުނެ ދައްކަމުންދަނީ ޙަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެންމެ އުތުރުން ބައިނަލްއަޤުވާމީ ފެންވަރަށް ހަނިމާދޫ އެއަރޕޯޓު އަންނަނީ ތަރައްޤީކުރަމުންނެވެ. މިމަޝްރޫޢު މިއަހަރުގެ ސެޕްޓެންބަރުމަހަށް ނިންމުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވަނިކޮށް ބައެއް ފަރާތްތަކުންދަނީ އެއެއަރޕޯޓު ބޭރުގެ ބަޔަކަށް ވިއްކަން އުޅޭކަމަށްބުނެ ވާހަކަދައްކަމުންނެވެ.
މިކަން ދޮގު ކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގުޅޭގޮތުން ދައްކަމުންދަނީ ޙަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ. އެގޮތުން އެއެއަރޕޯޓު ވިއްކާލަން ނުވަތަ ކުއްޔަށް ދިނުމަށް ސަރުކާރުން ނިންމަވާފައި ނުވާކަމަށެވެ. އަދި ހަނިމާދޫ އެއަރޕޯޓު ވިއްކާލަން ނުވަތަ ކުއްޔަށް ދިނުމާއި ގުޅޭ މަޝްވަރާތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެތެރެއިން ކުރިއަށް ގޮސްފައިވާކަމަށް ބުނެ ފަތުރަނީ ދޮގުކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާއިބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރިކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުޙުތާނުދޮގެއް. pic.twitter.com/jrcSXhZfHJ
— Mohamed Saeed (@em_saeed) July 5, 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤިކުރަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މިމަޝްރޫޢުގެ މަސައްކަތް ގޮސްފައިވާ ހިސަބަށްބަލާއިރު މިހާތަނަށް 88 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިހާރު އެއަރޕޯޓުގެ 2460 މީޓަރުގެ ރަންވޭގެ މަސައްކަތް އެއްކޮށްވަނީ ނިމިފައެވެ. މިމަޝްރޫޢާއެކު އެންމެ ބޮޑު ބޯޓުތަކުގެ ތެރޭގައި ހިމެނޭ އޭ320އާއި ބޮއިންގ 737ގެ މަރުކާގެ ބޯޓުތައް ޖެއްސޭނެއެވެ. އަތޮޅުތަކުގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ހަނިމާދޫ އެއަރޕޯޓްގައި ތަރައްޤީކޮށްފައިވާއިރު އަހަރަކު 1.3 ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށްވަނީ އަމާޒު ކަނޑައަޅާފައެވެ.
އެއަރޕޯޓުގެ މަސައްކަތް އަވަސްކުރުމަށް 24 ގަޑިއިރު މަސައްކަތް ކުރަމުންދާއިރު މިމަސައްކަތުގައި 800 އަށްވުރެ ގިނަ މުވައްޒަފުންދަނީ މަސައްކަތްކުރަމުންނެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމިގެންދާއިރު އުތުރުގެ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން މިހާރުވަނީ ހއ.އަތޮޅާއި ހދ.އަތޮޅުގައި ރިސޯޓު ތަރައްޤީކުރަން އެދޭ އިންވެސްޓަރުން ޝައުގުވެރިވާފަދަ ލުއިތަކެއް އެސަރަޙައްދުތަކުގައި އިންވެސްޓުކުރުމަށް ދެއްވާފައެވެ.