ކުޅިވަރު

ޓީ20 ޕްރިމިއަރ ލީގު: ސީބީއެލް އާއި މިލާނަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޓީ20 ޕްރިމިއަރ ލީގުގައި އިއްޔެ ކުޅުނު މެޗުތަކުން މިލާން ކްރިކެޓް އެކެޑަމީ އާއި ސީބީއެލް ސްޕޯޓްސް މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ އެއްނަބަރު ދަނޑުގައި އިއްޔެ ހެނދުނު ކުޅުނު ފުރަތަމަ މެޗުން މިލާން މޮޅުވީ މާލޭ ސްޕޯޓްސް ކުލަބާ ވާދަކޮށް 29 ލަނޑުން މެޗު ކާމިޔާބުކޮއްގެންނެވެ.

މެޗުގައި ގުރުދިމާވުމުން މިލާނުން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 208 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ބޯޅައިން 64 ލަނޑު ހެދި އަހުމަދު ހަސަންއެވެ.

ޖަވާބުގައި މާލޭ ސްޕޯޓްސް ކުލަބުން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 179 ލަނޑެވެ. މާލޭ ސްޕޯޓްސް އިން އެންމެ ރަނގަޅަށް ކުޅުނީ 48 ބޯޅައިން 63 ލަނޑު ހެދި އެޓީމުގެ ކެޕްޓްން ހަސަން ހާޒިގް ރަޝީދެވެ. މި މިޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިލާންގެ އަހުމަދު ހަސަން އެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗުގައި ސީބީއެލް މޮޅުވީ އެމްއެސް ހެލްޕިން ހޭންޑްސް ސްޕޯޓްސް އެކަޑަމީއާ ވާދަކޮށް 24 ލަނޑުންނެވެ.

މެޗުގެ ގުރު ދިމާވުމުން ސީބީއެލް އިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 142 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނު ތަރަކަ ރުވާން ވަނީ 44 ބޯޅައިން 57 ލަނޑު ހަދާފައެވެ.

ޖަވާބުގައި އެމްއެސް އެކަޑަމީން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން ހެދިފަވަނީ 118 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 18 ބޯޅައިން 25 ލަނޑު ހެދި ހަރީރާޖް ނަޓަރާޖްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތަރަކަ ރުވާން އެވެ.