ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މެޑަމް ސާޖިދާ ކުޅުދުއްފުއްޓަށް


  • ކުޅުދުއްފުށި ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ

ކުޅުދުއްފުށި ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެކަމަނާ ވަނީ މިއަދު ކުޅުދުއްފުށީ ހޮސްޕިޓަލަށް ވަޑައިގެން ހޮސްޕިޓަލުގެ ޚިދުމަތްތައް ބައްލަވާލައްވާފައެވެ. އެގޮތުން ހޮސްޕިޓަލުގެ އިސްބޭފުޅުންނާއި، ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓުގެ ވެރިންނާއި ބައްދަލުކުރެއްވުމުގެ އިތުރުން އެކި އެޑިޕާޓުމަންޓުތަކުގެ މަސައްކަތްތައްވަނީ ބައްލަވާލައްވާފައެވެ. އަދި އެކަމަނާވަނީ ހޮސްޕިޓަލު ހިންގެވުމުގައި މިވަގުތު ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައެވެ. ބައެއް ބަލި މީހުންނާ ބައްދަލުކުރައްވައި ހާލު ބެއްލެވިއެވެ.

މެޑަމް ސާޖިދާގެ މިދަތުރުފުޅުގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެެވެ. އެޖަލްސާގައި ހޮސްޕިޓަލުގެ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމާއި 10 އަހަރާއި 20 އަހަރު އަދި 30 އަހަރު ހޮސްޕިޓަލަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް އަދި އެންޑޯމެޓްރިއޯސިސް ޚިދުމަތާއި ޓެލެމެޑިސިންގެ ޚިދުމަތް އެ ހޮސްޕިޓަލުގައި އިފްތިތާޙްކޮށްދެއްވުމަށްވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ 3 އަތޮޅާއި އަދި އެެހެނިހެން އުތުރުގެ އަތޮޅުތަކުން ސިއްޙީ ޚިދުމަތް ހޯދުމުގައި ބަރޯސާވެފައިވާ އުތުރުގެ މައި ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.