އަމާޒަކީ ކުރިއަށްއޮތް 1 އަހަރު ނުވަތަ 2 އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުންކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވިއަންގެ އައު އިންޖިނިއަރިން ސަރވިސް ބިލްޑިންގ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މިއީ މޯލްޑިވިއަންގެ ހަޔާތުގައި ވަރަށް ތާރީޚީ ދުވަހެއްކަމަށެވެ. މިފަދަ މެއިންޓަނަންސް ފެސިލިޓީއެއް ހުޅުވިގެން ދިއުމަކީ މޯލްޑިވިއަންގެ މެއިންޓަނަންސާއި އަދި ކުރަމުންދާ ޚަރަދުތަކަށްވެސް ލުއިތަކެއް ލިބިގެންދާނެކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. މޯލްޑިވިއަންގެ އައު އިންޖިނިއަރިން ސަރވިސް ބިލްޑިންގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަންވެސް އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް އަންނަ ގިނަ އެއަރލައިންތަކެއްގެ މެއިންޓަނަންސްގެ ޚިދުމަތް މޯލްޑިވިއަނުން ދެމުންދާއިރު މި ސަރވިސް ފެސިލިޓީއާއެކު މިކަމަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއިމާރާތާއި ފެސިލިޓީ ތައްޔާރުކުރުމަށް 10 ވަރަކަށް އަހަރު ނެގިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިތަން ހުޅުވިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ މިއަދު މިކަންކަމަށް ދެއްވާ ޚާއްސަ އަހައްމިއްޔަތުގެ ސަބަބުންކަމަށެވެ.
"އުންމީދަކީ ކުރިއަށްއޮތް 1 އަހަރު ނުވަތަ 2 އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަކީ ވަރަށް ބާރަށް ކުރިއަށްގެންގޮސް އަމިއްލަ ކެޕޭސިޓީއާއެކީގައި ކުރިއަށްދެވޭނެ ކުންފުންޏަކަށް ބަދަލުވެގެންދިއުން. މިގޮތައް ބަދަލުވެގެން ދިޔައީމަ ސްޓާފުންނަށްވެސް ރަނގަޅު ވެގެންދާނެ." ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުން މިހާރު ކުރަމުންދަނީ މޯލްޑިވިއަންއަކީ ޤައުމީ އެއަރލައިނަށް ވުމާއިއެކު ގައުމީ އެއަރލައިންގެ މަގާމަށް އެއަރލައިން ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.