ޚަބަރު

އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރިން ސަރވިސްގެ އައު އިމާރާތް ހުޅުވައިފި


  • މިތަން ހުޅުވައިދެއްވީ ވަޒީރު އަމީނާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ

އައިލެންޑް އޭވިއޭޝަންގެ ފުރަތަމަ އިންޖިނިއަރިން ސަރވިސް ބިލްޑިން ހުޅުވައިފިއެވެ. މި ބިލްޑިން ހުޅުވާފައިވަނީ އެ ކުންފުނީގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި އަލްމަރްހޫމް އަލީ ފިރާޤްގެ ނަމާއި ގުޅުވައިގެން "އަލީ ފިރާޤް އިންޖިނިއަރިން ސަރވިސް ބިލްޑިން"ގެ ނަމުގައެވެ.

މޯލްޑިވިއަންގެ އިންޖިނިއަރިން ސަރވިސް ބިލްޑިން ހުޅުއްވައިދެއްވީ އެކަމަށްޓަކައި ވީއައިއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މިއިމާރާތް އެޅުމުގެ ޚިޔާލް އަލްމަރްހޫމް އަލީ ފިރާޤް ދެއްވީ 2015 ވަނަ އަހަރުކަމަށެވެ. 2016 ވަނަ އަހަރު މި މަސައްކަތުގެ ޕްރޮޕޯސަލް ތައްޔާރުކޮށް އެންމެ ފުރަތަމަ މެނޭޖްމަންޓަށް ހުށައެޅުއްވިކަމަށެވެ. 2021 ވަނަ އަހަރު ކުންފުނީގެ ބޯޑުން މިމަޝްރޫޢަށް ބޭނުންވާ ބަޖެޓް ފާސްކޮށްދެއްވައި 2022 ވަނަ އަހަރު ބަޔަކާއި ހަވާލުކުރެވުނު ކަމަށެވެ.

މި އިމާރާތް ހުޅުވިގެން ދިއުމަކީ ކުންފުނީގެ ތާރީޚުގައި ވަރަށް ޚާއްސަ ދުވަހެއްގެ ގޮތުގައި އެމްޑީ ފާހަގަކުރެއްވިއެވެ. މިއީ ވަރަށް ގިނަ ބައެއްގެ ހިތްވަރާއި ބުރަ މަސައްކަތުން ހަޤީގަތަކަށްވި ހުވަފެނެއްކަމަށް ވިދާޅުވިއެވެ.

"މިއިމާރާތުން އަޅުގަނޑުމެންގެ މުވައްޒަފުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ. އަދި މަސައްކަތް ކުރުމުގެ މާހައުލު ރަނގަޅުކުރެވި މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ. މިއިމާރާތަކީ ކުންފުނީގެ މަތިންދާ ބޯޓުގެ ސްޕެއަރތައް ބެލެހެއްޓުމަށް ޚާއްސަކުރެވިގެން މިހާތަނަށް އަޅުގަނޑުމެން ބިނާކުރި ފުރަތަމަ އިމާރާތް. މިއީ އަދި މުސްތަޤްބަލަށްޓަކައި މި ކުންފުނިން ކުރި ވަރަށް ބޮޑު އިންވެސްޓްމަންޓެއް." އެމްޑީ އިޔާސް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ އިންޖީނިއަރިން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުންވެސް ފާހަގަކުރާ ގޮތުގައި މި އިމާރާތާއިއެކު މަސައްކަތް އިތުރަށް އަވަސްވެ އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. މަސައްކަތް ކުރަމުންދަނީ ކުންފުންޏަށް ލިބޭ އާމްދަނީ ދެމެހެއްޓެވިނި ގޮތަކަށް ބޭނުންކޮށްގެން ކުންފުނި ހިންގުންކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.