ޚަބަރު

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ މާދަމާ ދޫކުރަނީ


  • ރަޖިސްޓްރީ ދޫކުރަނީ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވާ ތަރުތީބުން

  • ރަޖިސްޓްރީ ދޫކުރުން ކުރިއަށްދާނީ ކުރީގެ ހައުސިން މިނިސްޓްރީ ހުރި ބިމުގައި ހަދާފައިވާ އޭރިއާއެއްގައި

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަތަކަށް މާދަމާ ގޯތީގެ ރަޖިސްޓްރީ ދޫކުރުން އޮންނާނެއެވެ. ރަޖިސްޓްރީ ދޫކުރުން ކުރިއަށްދާނީ މާދަމާ ހެނދުނު 09:30އިން ފެށިގެންނެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ "ބަންޑާރަ ގޯތީގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ދޫކުރުން ކުރިއަށްދާނީ، ކުރިން ހައުސިން މިނިސްޓްރީ ހިންގި ބިމުގައި، އެކަމަށް ޚާއްސަކޮށް ހަދާފަައިވާ ސަރަޙައްދެއްގައިކަމަށެވެ.

ރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީއެވެ. މީގެ ސަބަބުން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައްވަނީ ބަދަލުވެފައެވެ.

ގޯތި ލިބޭ ފައިނަލް ޕްލޮޓް ކަނޑައަޅާފައިވަނީ މޭއިމަހުގެ 30ވަނަ ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ބޭއްވި ގުރުއަތުނެގުމުގައެވެ.

އައު ރަޖިސްޓްރީގައި ސޮއިކުރުން ކުރިއަށްދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ސޮއިކޮށް ރަޖިސްޓްރީ ހަވާލުވާން ދިއުމަށް އެޕޮއިންޓްމަންޓް ހައްދާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. ރަޖިސްޓްރީ ބަލައިގަތުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް، ހުށައަޅަންޖެހޭ ލިޔެކިޔުމުގެ ތަފްސީލްތައް ޕޯޓަލްގައި ވަނީ ހިމަނާފައެވެ.

އައު ރަޖިސްޓްރީއާއި އެއްބަސްވުމާ ޙަވާލުވުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

* އައު "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން"ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ޙާޟިރުވާނެ ފަރާތެއްގެ އައިޑީ ކާޑު ކޮޕީ

* ގޯތި ލިބޭ ފަރާތް/ފަރާތްތަކުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާނަމަ "ހިޔާވެހި ޕޯޓަލް" ގައި ހިމަނާފައިވާ ޕަވަރ އޮފް އެޓަރނީ، އަދި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ (ނޮޓަރައިޒްކުރެވިފައިވާ ޕަވަރ އޮފް އެޓަރނީއާއި ނޮޓަރީ ސެޓްފިކެޓް ހުށަހެޅުމުން ބަލައިގަނެވޭނެ)

* މިނިސްޓްރީއާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން"ގެ ކޮޕީ

* މިނިސްޓްރީން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ"ގެ ކޮޕީ

އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ތާރީޚާއި ގަޑިއަށް މިނިސްޓްރީން އަންގާ ތަނަށް ވަޑައިގަންނަވާއިރު، ލިޔެކިއުމުގެ އަސްލު ގެންދަން ޖެހޭ ލިޔެކިޔުންތައް:

* ގޯތި ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު

* ޕަވަރ އޮފް އެޓަރނީގެ ދަށުން ޙާޟިރުވާ ފަރާތެއްނަމަ ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު (ނޮޓަރައިޒްކުރެވިފައިވާ އަސްލު ޕަވަރ އޮފް އެޓަރނީއާއި ނޮޓަރީ ސެޓްފިކެޓްގެ އަސްލު ހިފައިގެން)

* މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން"ގެ އަސްލު

* މިނިސްޓްރީން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ"ގެ އަސްލު

މިނިސްޓްރީން ވިދާޅުވީ، އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 05 (ފަހެއް) މިނެޓް ފަހުން ޙާޟިރުވާ ފަރާތްތަކާއި އަދި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވާ ފަރާތްތަކަށް އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލްވާނެކަމަށެވެ. އެޙާލަތުގައި އެފަރާތަށް އަލުން އެހެން ތާރީޚަކާއި ގަޑިއަކަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުޞަތު ލިބޭނެއެވެ.

އެޕޮއިންޓްމަންޓް ހަމަޖެހޭ ފަރާތްތަކަށް، "ހިޔާވެހި ޕޯޓަލް" އަދި އެސްއެމްއެސް މެދުވެރިކޮށް ހާޟިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެއެވެ.