ޚަބަރު

ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރަން ބޭނުންވާނަމަ ހުއްދަ ނެގުމުގެ ފުރުޞަތު ހުޅުވާލައިފި


  • ހުއްދައަށް އެދި، ވުޒާރާގެ ޕޯޓަލް "eportal.mta.gov.mv" މެދުވެރިކޮށް މިހާރު ހުށައެޅޭނެ

  • މިމަހުގެ 13އިން ފެށިގެން ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރެވޭނީ ހުއްދަ ނަގައިގެން

ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން އުޅަނދުތައް ރާއްޖެ އެތެރެކުރަން ބޭނުންވާ ފަރާތްތަކުން ހުއްދަ ނެގުމުގެ ފުރުޞަތު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ޤަވާއިދު އިސްލާހުކޮށް، ގެޒެޓުގައި ޝާއިޢުކޮށްފައިވެއެވެ. މި ގަވާއިދުގެ ދަށުން ހަތަރު ފުރޮޅުލީ އުޅަނދުތައް އެތެރެކުރާނަމަ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ހުއްދަ ނަގަންޖެހޭ ބަޔަށް ޢަމަލުކުރުން ފަށާގޮތަށް ކަނޑައަޅަފައި އޮތީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ޝާއިޢުކޮށްފައިވާ އިޢުލާނެއްގައި ވަނީ ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް މިމަހުގެ 13އިން ފެށިގެން ރާއްޖެ އެތެރެކުރެވޭނީ އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނެގުމަށްފަހު ކަމަށެވެ. އެހެންކަމުން މިފަދަ އުޅަނދުތައް އެތެރެކުރުމުގެ ހުއްދައަށް އެދި، ވުޒާރާގެ ޕޯޓަލް "eportal.mta.gov.mv" މެދުވެރިކޮށް މިހާރު ހުށައެޅޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ހުއްދައަށް އެދޭ ފޯމު އެ ވުޒާރާގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބޭނެއެވެ.

އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ޢާންމުކުރި ގަވާއިދުގައިވާ ގޮތުން އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދޭއިރު، އެތެރެކުރާ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ގަރާޖުގެ ނުވަތަ ޝޯރޫމުގެ ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީއާއި އުޅަނދާ ބެހޭ އެކިއެކި ލިޔެކިޔުންތައް ހުށައަޅަންޖެހޭނެއެވެ.

މާލޭގައި ގިނަ އަދަދެއްގެ ހަތަރުފުރޮޅުލީ އުޅަނދު މީގެ ކުރިން އެތެރެކޮށްފައިި ވީނަމަވެސް، އެ އުޅަނދުތައް ބާއްވާނެ ޖާގަ މާލޭގައި ނެތުމަކީ މިހާރު ދިމާވެފައިވާ ބޮޑު އެއް މައްސަލައެވެ. 2 ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދެއް ރާއްޖެއަށް އެތެރެކުރާނަމަ، އެ އުޅަނދެއް ބޭއްވޭނެ ގަރާޖެއް އޮންނަންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކުރީ އެ މައްސަލަ ހައްލުކުރުމަށެވެ.