ޚަބަރު

މޮރޮކޯގައި ކިޔެވުމުގެ ފުރުޞަތު ދިވެހި އިމާމުންނަށް ސަރުކާރުން ފަހިކޮށްދެއްވަނީ


  • މިއީ ދިވެހި ސަރުކާރާ މޮރޮކޯ ސަރުކާރު ގުޅިގެން ފަހިކޮށްދޭ ފުރުޞަތެއް

  • އިމާމުން ތަމްރީންކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދަނީ ދެމުން

މޮރޮކޯއަށް ދިވެހި އިމާމުން ކިޔަވަން ފޮނުވުމާއި ގުޅޭ އެއްބަސްވުމެއްގައި މޮރޮކޯ ސަރުކާރާއެކު ވަރަށް އަވަހަށް ސޮއިކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ އިމާމުންނަށް ލިބިފައިވާކަން މޮރޮކޯ ސަރުކާރުން ރަސްމީކޮށް ދިވެހި ސަރުކާރަށް އަންގަވާފައިވާކަމަށެވެ. މި އިންތިޒާމް ފަހިވެގެންދިޔައީ ދިވެހިންނަށް މިފަދަ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން މޮރޮކޯ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިމާމުންނަށް އަރަބި ބަސް ކިޔަވައިދޭން އެޤައުމުގައި ޤާއިމުކޮށްފައިވާ ޚާއްޞަ އިންސްޓިއުޓަކީ ރަސްގެފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިއުޓެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި ފުރުޞަތު ފަހިކޮށްދެވޭނީ، ކިޔަވަންދާ ފަރާތްތަކަށް އެމީހުންގެ ތިބުމާ، އަދި ޕޮކެޓް މަނީވެސް ދޭގޮތަށްކަމަށެވެ.

ވަޒީރު ވިދާޅުވީ އިމާމުންނަށް މޮރޮކޯގައި ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި ގުޅޭ އެއްބަސްވުން ލިބިފައިވާކަމަށާއި، އަދި އެއްބަސްވުމުގައި މޮރޮކޯ ސަރުކާރާއެކު ވަރަށް އަވަށް ސޮއިކުރާނެކަމަށެވެ.

އިމާމުންނަށް ފަހިކޮށްދޭ މި ފުރުޞަތަކީ، އެހެން ޤައުމުތަކުގެ ތަޖުރިބާއާއި އަދި ދީނީ ޢިލްމު އިތުރުކުރުމުގެ ބޭނުމުގައި ދެއްވާ ފުރުޞަތެކެވެ. މިދިޔަ އަހަރުވެސް އެކި ޤައުމުތަކުގައި އިމާމުން ތަމްރީންވުމުގެ ފުރުޞަތުތައް ފަހިކޮށްދީފަވެއެވެ.

އިމާމުންނާ ޚަތީބުން ތަމްރީންކުރުމުގެ މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ. އިމާމުން ތަމްރީންކުރުމުގެ މަސައްކަތުގެދަށުން މިދިޔަ އަހަރު 800 އަށްވުރެ ގިނަ އިމާމުން ތަމްރީންކޮށްފަވެއެވެ. މިދިޔަ އަހަރު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް، އިމާމުންގެ މަހާސިންތާއެއްވެސް ބާއްވާފައެވެ. މިއީ އިމާމުންގެ ދަޢުރު ފުޅާކުރުމާއި، އިމާމުންނަށް އުނގެނުމުގެ ފުރުޞަތުތައް ހޯދުމާއި އަދި އިމާމުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މަހާސިންތާއެކެވެ.