އޮސްޓްރޭލިއާގެ އިންޓަރނޭޝަނަލް ސޮކަރ އެކެޑަމީގެ ޓީމާ ދެކޮޅަށް ކުޅުނު މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ 17 އަހަރުން ދަށުގެ ޓީމުން ކާމިޔާބުކޮށްފިއެވެ. 35 މިނިޓްގެ ދެ ހާފް ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މާޒިޔާގެ ޒުވާން ކުޅުންތެރިން މޮޅުކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ ލަނޑު މާޒިޔާއިން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 6 ވަނަ މިނިޓްގައި ރާއްޖޭގެ ޒުވާން ގައުމީޓީމުގައިވެސް މޮޅުކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އިލާން އިބްރާހިމްއެވެ. މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 20 ވަނަ މިނިޓްގައި ލޫތު ބިން ސައުދުއެވެ.
ރާއްޖޭގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކުގެތެރެއިން ގަލޮޅު ދަނޑަށް އޮސްޓްރޭލިއާގެ ޒުވާން ކުޅުންތެރިން ހިމެނޭ އިންޓަރނޭޝަނަލް ސޮކަރ އެކެޑަމީން ތިންވަނަ މެޗުގައި ބުދަ ދުވަހު ނިކުންނާނީ އެމްއެސް މޭޓްސްގެ ޓީމާއި ދެކޮޅަށެވެ. އެއަށްފަހު ހުކުރު ދުވަހުގެ ހަވީރު ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށްވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައިވެއެވެ.
މިއީ ޗެލްސީ ފައުންޑޭޝަނާ ގުޅުން އޮންނަ އިންޓަރނޭޝަނަލް ސޮކަރ އެކެޑަމީގެ އެދުމަކަށް ރާއްޖޭގެ ކުލަބުތަކުގެ 17 އަހަރުން ދަށުގެ ޓަިމުތަކާއެކު ކުޅުމަށް، ކުޅިވަރާ ބެހޭ ވުޒާރާ އާއި އެފްއޭއެމްއާއި ގުޅިގެން މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމްކޮށްގެން ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދާ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކެކެވެ.