މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުން ދައްކަންޖެހޭ ޓެކްސް ފައިސާ، އެކަމަށް ކަނޑައެޅިފައި އޮތް މުއްދަތު ހަމަވުމުގެ ކުރިން ސަރުކާރުން ފޮނުއްވާނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
މެލޭޝިޔާގެ ޤާނޫނަށް ގެނައި ބަދަލަކާ ގުޅިގެން އެ ޤައުމުގައި ކިޔަވާ ބޭރު ދަރިވަރުންގެ އަތުން ވަނީ މިމަހުން ފެށިގެން ޓެކުހެއް ނަގަން ފަށާފައެވެ. ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 މެލޭޝިއަން ރިންގިޓް ޚަރަދުކުރާ ބޭރު ދަރިވަރުންގެ އަތުންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންނަށް ދައްކަންޖެހޭ ޓެކްސް ފައިސާ ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށެވެ. އަދި މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ފައިސާ ފޮނުވުމުގެ މަސައްކަތް ވުޒާރާއިން މިހާރު ކުރަމުން އަންނަ ކަމަށާއި އަދި ފައިސާ ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ހުރިހާ ދަރިވަރުންނަށްވެސް ފައިސާ ފޮނުވޭނެކަމަށެވެ.
ވަޒީރު ވިދާޅުވީ މެލޭޝިޔާއިން ތަޢާރަފުކުރި ޓެކްސްއާ ގުޅިގެން ދިވެހި ދަރިވަރަކު އިތުރަށް ފައިސާ ދައްކަންޖެހޭނަމަ، އެ ފައިސާވެސް ސަރުކާރުން ދައްކައިދޭނެކަމަށާއި ދަރިވަރުން އިތުރު ބުރައެއް އުފުލަން ނުޖެހޭނެކަމަށެވެ.
މެލޭޝިޔާގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދަނީ ސަރުކާރުގެ ލޯނު އެހީއާއި ސްކޮލަރޝިޕްގައި ކިޔަވަމުންނެވެ.