އެމެރިކާގެ ވިޔަފާރި ސިޔާސަތުގެ ދަށުން އެ ޤައުމުތަކަކުން ބޮޑެތި ޓެރިފްތައް ނަންގަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވާފައިވާ 14 ޤައުމުން، މުހުލަތު ހަމަވުމުގެ ކުރިން އެދެވޭ ހުށަހެޅުމެއް ހުށަނާޅާ ނަމަ ފިޔަވަޅު ތަންފީޒު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެެއްޖެއެވެ.
މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ޓްރަމްޕް ވަނީ 14 ޤައުމަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން އާދަޔާ ޚިލާފަށް ބޮޑެތި ޓެރިފްތައް ނަންގަވާނެ ކަމަށް އިޢުލާނުކުރައްވައިފައެވެ. ޓްރަމްޕް ސިފަ ކުރައްވާފައިވާ ގޮތުގައި، ބޭރު ޤައުމުތަކާ ދެކޮޅަށް އޭނާ އިޢުލާނު ކުރައްވާފައިވާ ޓެރިފްތަކަކީ އެމެރިކާގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ބޭނުންވާ މުހިންމު "ފަރުވާ"އެކެވެ. އަދި، ޓެރިފްތަކަށް ލުއިދެވޭނީ ޤައުމުތަކުން އެމެރިކާއަށް ބޮޑެތި ޢަދަދުތަކުން ފައިސާ ދެއްކުމަށް އެއްބަސްވުމުން ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެމެރިކާއިން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާއަށް ވާގިވެރިވާ ޤައުމުތައް ކަމަށްވާ ޖަޕާނާއި ދެކުނު ކޮރެޔާ ވެސް ހިމެނެއެވެ. ޓެރިފް އިތުރުކުރުމަށް ދެން ނިންމާފައި ވަނީ މެލޭޝިޔާއާއި އިންޑިނޭޝިޔާއާއި ތައިލޭންޑާއި ކެމްބޯޑިޔާއާއި ލާއޯސްއާއި މިޔަންމާއާއި ބަންގްލަދޭޝާއި ތޫނިސްއާއި ދެކުނު އެފްރިކާއާއި ސަރބިޔާއާއި ކަޒަކިސްތާނުގެ އިތުރުން ބޮސްނިއާ-ހަރޒެގޮވިނާއިންނެވެ. މި 14 ޤައުމަކީ ވެސް އެ ޤައުމުތަކުން ބޭރުކުރާ މުދަލަށް އެ ޤައުމުތަކުގެ އިޤްތިޞާދު ވަރަށް ބޮޑަށް ބަރޯސާވާ ޤައުމުތަކެކެވެ. އެ ޤައުމުތަކުން މިހާތަނަށް ނަގަމުން ދިޔައީ 10 އިންސައްތައިގެ ބޭސްލައިން ޓެރިފެކެވެ.
ޓްރަމްޕް އިޢުލާނުކުރެއްވި ޓެރިފްތަކާ ގުޅިގެން ޤައުމުތަކުން ކަންބޮޑުވެ، އެ ޤައުމުތަކުން ވަނީ އެމެރިކާއާއެކު ވިޔަފާރި ކުރުމަށް އައު ހުށަހެޅުންތައް ހުށަހަޅައި، ޓެރިފްތަކަށް ލުޔެއް ލިބޭތޯ މަސައްކަތްކޮށްފައެވެ. އެމެރިކާއާއެކު އެދެވޭ އެއްބަސްވުމަކާ ހަމައަށް އައުމަށް އެ ޤައުމުތަކަށް ވަގުތު ދީފައި ވަނީ ޖުލައި މަހުގެ 9ވަނަ ދުވަހާ ހަމައަށެވެ. މަޝްވަރާތަކުގައި ވިއެޓްނާމްްއާއި ކެމްބޯޑިޔާފަދަ ބައެއް ޤައުމުތަކުން ވަނީ އެ ޤައުމުތަކުން ނަގާ ޓެރިފްގެ ޢަދަދު ކާމިޔާބުކަމާއެކު ދަށްކޮށްފައެވެ. ނަމަވެސް ބައެެއް ޤައުމުތަކަށް ވަނީ އެމެރިކާއާއެކު އެދެވޭ އެއްބަސްވުމަކާ ހަމައަށް އަދިވެސް ނާދެވިއެވެ.
ޓްރަމްޕް މިހާރު ވަނީ އެއްބަސްވުމަކާ ހަމައަށް އައުމަށް ދީފައިވާ މުއްދަތު ޖުލައި 9ން އޮގަސްޓް 1އަށް އިތުރުކޮށްދެއްވައިފައެވެ. އެމެރިކާއިން ވަނީ މި މުއްދަތުގައި އެ ޤައުމުން ބޭރުކުރާ މުދާ އެ 14 ޤައުމަށް އެތެރެކުރުމަށް އެއްްބަސް ނުވެއްޖެނަމަ، 25 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ ޓެރިފެއް، އެ ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާނެ ކަމަށް ރަސްމީކޮށް އަންގައިފައެވެ. އެ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވި ސިޓީތަކުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ އެ ޤައުމުތަކާއެކު އޮންނަ ގުޅުން ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށާއި ނަމަވެސް އެ ގޮތަށް ގުޅުން ދެމެހެއްޓޭނީ ވިޔަފާރީގައި ހަމަހަމަ އުސޫލެެއް ގެންގުޅޭ ނަމަ ކަމަށެވެ. އެމެރިކާއިން ޓެރިފް ނަގަން ނިންމުމާ ވިއްދައިގެން އެ ޤައުމުތަކުން އެމެރިކާ ދެކޮޅަށް ޓެރިފްތައް ކަނޑައަޅާނަމަ، އެމެރިކާއިން ނަގާ ޓެރިފްގެ ނިޞްބަތް އަދިވެސް އިތުރުކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ އިންޒާރުދެއްވާފައެވެ. އެމެރިކާއާއި އެ ޤައުމުތަކާ އޮންނަ ގުޅުމުގެ މައްޗަށް ބިނާކޮށް ޓެރިފްގެ ޢަދަދު ބޮޑުވުން ނުވަތަ ކުޑަވުން އެކަށީގެންވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްެރަމްޕް ހުށަހަޅުއްވާފައިވާ ޓެރިފްތަކުގެ ތެރެއިން އެންމެ ބޮޑު ނިޞްބަތަކުން ޓެރިފް ނެގުމަށް ނިންމަވާފައި ވަނީ ލައޯސްއާއި މިޔަންމާއިންނެވެ. އެ ޤައުމުތަކުން 40 އިންސައްތައިގެ ޓެރިފެއް ނެގުމަށް ވަނީ ނިންމަވާފައެވެ. ޖަޕާނާއި ދެކުނު ކޮރެޔާއާއި މެލޭޝިޔާއާއި ކަޒަކިސްތާނާއި ތޫނިސުން ޓެރިފް ނެގުމަށް ހަމަޖެހިފައި ވަނީ 25 އިންސައްތައަށެވެ. އެއީ ޓްރަމްޕް ހުށަހަޅުއްވާފައިވާ ޓެރިފް ނިޞްބަތުގެ ތެރެއިން އެންމެ ދަށް ޢަދަދެވެ.
ކެމްބޯޑިޔާއާއި ތައިލެންޑުން 36 އިންސައްތައިގެ ޓެރިފެއް ނެގުމަށް ހަމަޖެހިފައިވާއިރު ސަރބިޔާއާއި ބަންގްލަދޭޝުން ނެގުމަށް ނިންމާފައި ވަނީ 35 އިންސައްތައެވެ. ދެކުނު އެފްރިކާއާއި ބޮސްނިޔާ އެންޑް ހަރޒެގޮވިނާއިން 30 އިންސައްތަ ނަގާއިރު، އިންޑޮނޭޝިޔާއިން ނަގާނީ 32 އިންސައްތައެވެ.
މިހާތަނަށް ޓެރިފް ދަށްކޮށްދީފައި ވަނީ ވިއެޓްނާމާއި ކެމްބޯޑިޔާއިން ނެގުމަށް ނިންމި ޓެރިފްގެ ޢަދަދެވެ. ވިއެޓްނާމުން ބޭރުކުރާ މުދަލުން ނަގާ ޓެރިފް 20 އިންސައްތައަށް ދަށް ކޮށްފައިވާއިރު ކެމްބޯޑިޔާ ގެ ޓެރިފް ވަނީ 49 އިންސައްތައިން 36 އިންސައްތައަށް ކުޑަކޮށްދީފައެވެ. ނަމަވެސް ގިނަ ޤައުމުތަކުން ނެގުމަށް ހަމަޖެހިފައިވާ ޓެރިފްތަކަށް މިހާތަނަށް ބަދަލެއް އައިސްފައި ނުވެއެވެ. ތައިލެންޑާއި އިންޑޮނޭޝިޔާއިން ވެސް ހުށަހެޅުންތަކެއް ހުށަހަޅާފައިވާއިރު އެ ހުށަހެޅުންތަކަކީ އެމެރިކާއަށް އެދެވޭ ހުށަހެޅުންތަކަކަށް ނުވިއެވެ. އެހެންކަމުން އެ ޤައުމުތަކާއެކު މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށެވެ. އޭގެ އިތުރުން މެލޭޝިޔާއިން ކުރިން ނެގުމަށް ހަމަޖެހިފައި އޮތް 24 އިންސައްތައިގެ ޓެރިފް މިހާރު ވަނީ 25 އިންސައްތައަށް އިތުރުކޮށްފައެވެ.
ދެކުނު އޭޝިޔަގެ އެންމެ ބޮޑު އިޤްތިޞާދުތަކުން ދަނީ އެމެރިކާއާއެކު އެއްބަސްވުމަކާ ހަމައަށް އާދެވޭތޯ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. ތައިލެންޑުގެ މަލީ ވަޒީރު ޕިޗައި ޗުންހަވާރިޖާ ވިދާޅުވީ އެ ޤައުމުން ނަގާ ޓެރިފް 36 އިންސައްތައިގައި އޮތުމުން ކުޑަކޮށް ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. މިދިޔަ ހަފްތާގައި އެމެރިކާއަށް ވަޑައިގަންނަވާ އައު ހުށަހެޅުންތައް ހުށަހަލާފައިވާއިރު، އެދެވޭ އެއްބަސްވުމަކާ ހަމައަށް އައުމަށް އަދިވެސް އިތުރު ހުށަހެޅުންތައް ހުށަހެޅުމަށް ތައިލަންޑުން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑޮނޭޝިޔާއިން ބުނީ އެ ޤައުމުގެ ފަރާތުން މަޝްވަރާ ކުރުމަށް އެ ޤައުމުގެ އިސް މަންދޫބު މިހާރު އެމެރިކާއަށް ދަތުރުކުރައްވަމުންދާ ކަމަށެވެ. ވީ އެންމެ އަވަހަކަށް އެމެރިކާއާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް އެ ޤައުމުން ބުނެއެވެ. މަޝްވަރާކުރުމަށް އަދިވެސް ޖާގަ އޮތް ކަމަށް އެ ޤަައުމުން ޤަބޫލު ކުރާ ކަމަށް އިންޑޮނޭޝިޔާގެ އިޤްތިޞާދީ ވުޒާރާގެ ތަރުޖަމާނު، ހާރްޔޯ ލިމަންސެތޯ ވެސް ވަނީ ވިދާޅުވެފައެވެ.
މެލޭޝިޔާއިން ވަނީ އެ ޤައުމުން ވެސް އެމެރިކާއާއެކު އެދެވޭ އެއްބަސްވުމަކާ ހަމައަށް އައުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެފައެވެ. އެ ޤައުމުން އެދެނީ ދެ ޤައުމަށް ވެސް ފައިދާހުރި، ވަށާޖެހޭ އަދި ހަމަހަމަ އެއްބަސްވުމެއް ޤާއިމުކުރުމަށް ކަމަށް ބުނެފައިވެއެވެ.