އިންޓަނޭޝަނަލް ސޮކަރ އެކަޑަމީ (އައިއެސްއޭ) ގެ މި ދަތުރުގެ ބޭނުމަކީ ރާއްޖެއާއި އޮސްޓްރޭލިއާ އާއި ދެގައުމުގެ ދެމެދުގައި ފުޓްބޯޅައިން ގުޅުން ބަދަހި ކުރުންކަމަށާއި، މެޗުތަކުގެ ނަތީޖާއަކީ މިވަގުތު މުހިންމު އެއްޗެއް ނޫން ކަމަށް އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ސޮކަރ އެކަޑަމީގެ ޑިރެކްޓަރ ކީތް އެލައިޖާ ބުނެފިއެވެ.
އިންޓަނޭޝަނަލް ސޮކަރ އެކަޑަމީ (އައިއެސްއޭ) އިން ރާއްޖޭގައި ކުޅޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން އިއްޔެ ހަވީރު ސޮކަރ މޭޓްސް އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި އެލައިޖާ ބުނީ ރާއްޖޭގެ ޓީމުތަކަށް އޮސްޓްރޭލިއާއަށް އައިސް މެޗުތައް ކުޅުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށާއި ރާއްޖޭގެ ފުޓްބޯޅައަށް އެ އެކަޑަމީން އެހީތެރިކަން ފޯރުކޮށްދޭން އޮތީ ތައްޔާރަށް ކަމަށެވެ.
ރާއްޖޭގެ ޓީމުތަކަށް އޮސްޓްރޭލިއާއަށް އައުމަށް ދައުވަތުދޭ ކަމަށާއި، އަމިއްލަ ގައުމުކަމުގައި ދެކިގެން ފުޓްބޯޅައިގެ ހަރަކާތްތައް އޮސްޓްރޭލިއާގައި ރާވައިގެން ކުރިޔަށް ގެންދެވިދާނެ ކަމަށްވެސް އެލައިޖާ ބުންޏެވެ.
ރާއްޖޭގައި ކުޅޭ ފުޓްބޯޅަ މެޗުތަކަކީ ދެގައުމުގެ ޒުވާން ކުޅުންތެރިންނަށްވެސް ތަޖުރިބާ ހޯދުމަށް މުހިންމު މެޗުތަކެއް ކަމަށާއި، ދެން އަންނަ އަހަރު މިހާރަށްވުރެ ބޮޑަށް އައިއެސްއޭއިން މެޗުތަކަށް ތައްޔާރުވާނެ ކަމަށްވެސް އެލައިޖާ ބުންޏެވެ.
މި ދަތުރުގައި އަނިޔާގެ މައްސަލަތައް އައިއެސްއޭގެ ކުޅުންތެރިންނަށް ދިމާވިކަން ފާހަގަ ކުރަމުން އެލައިޖާ ބުނީ ކުޅިވަރުގައި ލިބޭ މިފަދަ އަނިޔާތަކުގެ ސަބަބުން އެ ކުޅުންތެރިން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި، އައިއެސްއޭ ޓީމުގެ ކުޅުންތެރިންނަށް މި ވަގުތު މުހިންމީ މި ދަތުރުގައި ވާދަވެރި މެޗުތަކެއް ކުޅުމަށްވުރެ ބޮޑަށް ތަޖްރިބާ ހޯދާ ކަންކަން ދަސްކުރުންކަމަށެވެ.
އަދި ކުރިޔަށް އޮތް ބައިނަލްއަގްވާމީ މެޗުތަކަށް ޒުވާން ކުޅުންތެރިން ތައްޔާރުކޮށް އެ ކުދިން ބޮޑެތިވެގެން އަންނަ އިރު ވާދަވެރި މުބާރާތްތަކަށް ތައްޔާރު ކުރުން ކަމަށެވެ.
އައިއެސްއޭގެ މި ޓީމަކީ މުޅިން އަލަށް ރާއްޖެ އައި ޓީމެއްނަމަވެސް އެލައިޖާވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ރާއްޖެ އައިސް ރާއްޖޭގެ ޔޫތް ލެވެލްގެ ފުޓްބޯޅަ ދިރާސާކޮށްފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އައިއެސްއޭ ޓީމު ރާއްޖޭގައި ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ކުލަބު ވެލެންސިއާ އަތުން 3-0 ން ބަލިވި އިރު ދެވަނަ މެޗުގައި 2-0 މާޒިޔާ އަތުން ވަނީ ބަލިވެފައެވެ.
ތިންވަނަ މެޗުގައި 3-0 ގެ ނަތީޖާއަކުން މޯލްޑިވްސް ސޮކާ މޭޓްސް އެކަޑަމީ އަތުން ވަނީ މޮޅުވެފައެވެ.
އޮސްޓްރޭލިއާގެ ޒުވާން ކުޅުންތެރިން ހުކުރު ދުވަހު ހަވީރު ނިކުންނާނީ ރާއްޖޭގެ ގައުމި ޓީމާއި ދެކޮޅަށެވެ. މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭނެ ކަމަށް އެލައިޖާ ބުންޏެވެ.
މިއީ ވެސްޓަރން އޮސްޓްރޭލިއާ މޯލްޑިވިއަން އެސޯސިއޭޝަނުން މޯލްޑިވްސް ސޮކަރ މޭޓްސް އާއި ގުޅިގެން ކުޅިވަރު ވުޒާރާ އާއި އެފްއޭއެމްގެ އެހީތެރިކަމާއެކު ބާއްވަމުން އަންނަ ފުޓްބޯޅަ މެޗުތަކެކެވެ. މި މެޗުތައް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢުއެވެ.