ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގެ ޖާގައެއް ޔޫރަޕްގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އިން ހޯދައިފި އެވެ.
ޕީއެސްޖީ އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ނިއު ޔޫކުގެ މެޓްލައިފް ސްޓޭޑިއަމްގައި ހަތްދިހަ ހަތް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ 25 މިނިޓުގެ ކުޅުން ނިމުނުއިރު ޕީއެސްޖީ އިން ވަނީ 3-0 ގެ ލީޑެއް ހޯދާފަ އެވެ.
ޕީއެސްޖީ ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ހަވަނަ މިނިޓުގައި ޕީއެސްޖީގެ ފަބިއަން ރުއިޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ރެއާލް މެޑްރިޑްގެ ޑިފެންޑަރ ރައުލް އަސެންސިއޯ އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނެގުމަށްފަހުގަ އެވެ.
އަދި އޭގެ ތިން މިނިޓު ފަހުން ރެއާލް މެޑްރިޑްގެ ޑިފެންޑަރ އެންޓޯނިއޯ ރުޑިގާ އަތުން ދޫވި ބޯޅައެއް ހޯދުމަށްފަހު އުސްމާން ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި ޕީއެސްޖީ އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 24 ވަނަ މިނިޓުގައި ފަބިއަން ރުއިޒް ކާމިޔާބުކޮށްދިން ލަނޑެކެވެ.
ރެއާލް މެޑްރިޑްގެ ކިލިއަން އެމްބާޕޭ އޭނާގެ ކުރީގެ ކްލަބާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި އޭނާ އަށް ވަނީ އެންމެ އެދެވޭ ކުޅުމެއް ދެއްކޭގޮތް ނުވެފަ އެވެ.
ޕީއެސްޖީ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ގޮންޒާލޯ ރާމޯސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ޗެލްސީ އާއި ދެކޮޅަށް އަންނަ އާދީއްތަ ދުވަހު ޕީއެސްޖީ ނިކުންނައިރު މި ސީޒަނުގައި އެ ޓީމުން ވަނީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ކްލަބްތައް ބަލިކޮށްފަ އެވެ. އެގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގު ފުރަތަމަ ފަހަރަށް ހޯދާފައިވަނީ 5-0 ގެ ނަތީޖާއަކުން އިންޓަރ މިލާން ބަލިކުރުމަށްފަހުގަ އެވެ.
މީގެ އިތުރުން އެތްލެޓިކޯ މެޑްރިޑް އާޢި ރެއާލް މެޑްރިޑް 4-0 ގެ ނަތީޖާއަކުން ބަލިކޮށްފައިވާއިރު ބަޔާން މިއުނިކް އަތުން ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.