ކ. ގުޅީ ބިން ހިއްކުމުގެ މަޝްރޫގެ ދަށުން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު އެއްކޮށް ހިއްކާ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ. ގުޅީ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގައެވެ.
ކ. ގުޅިއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެވަޢުދުފުޅާ އެއްގޮތަށް ގުޅީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީން ވިދާޅުވީ، ގުޅީ ބިންހިއްކުމުގެ މަސައްކަތުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ 10.15 ހެކްޓަރ މިހާރު ހިއްކާ ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެ މަޝްރޫއުގެ ދަށުން ކުރިއަށް ދާ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަސައްކަތްކަމަށެވެ.
އެގޮތުން ރޮކް ބޯލްޑަރ ރިވެޓްމަންޓްގެ މަސައްކަތުގެ %53 ނިމިފައިވާ ކަމަށާއި މުޅި މަޝްރޫޢުގެ ޖުމްލަ %70 މިހާރު ނިމިފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އެ ކުންފުނީގެ އަމާޒަކީ މުޅި މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލައް ނިންމާލުމެއެވެ.
ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މަރިޗުމަހުއެވެ. މިމަޝްރޫޢާއެކު ގުޅީ ބިން 2 ގުނައަށް އިތުރުވެގެންދާނެއެވެ. މިމަޝްރޫޢުގެ ދަށުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.
ކ. ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. ގޯތި ބޭނުންވާ އެތައް ބަޔަކު އެރަށުގައި ދިރިއުޅޭއިރު، އެންމެ ފަހުން އެރަށުން ބިން ދޫކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ. އެފަހަރު ދޫކޮށްފައިވަނީ 13 ބިމެވެ. އޭގެ ފަހުން ބިން ދޫކޮށްފައިނުވާއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ގުޅިއަށްވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
މީގެ އިތުރުން ގުޅިއަކީ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ރަށެކެވެ. ބިމުގެ ޖާގައިގެ މައްސަލަ ޙައްލުވުމާއެކު ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ރަށަށް އިޤްތިޞާދީ ހެޔޮ ބަދަލުތަކެއް އަންނާނެކަންވެސް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. މިއީ 83 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.