ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 10 މީހުން މިނިވަން ކުރުމަށް އެ ޖަމާޢަތުން އެއްބަސްވެއްޖެއެވެ. ޙަމާސުން މި ކަމަށް އެއްބަސްވެފައި ވަނީ، އެ ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޤަޠަރުގެ ވެރިރަށް ދަވްްޙާގައި ކުރަމުންދާ ނުރަސްމީ މަޝްވަރާތަކުގައެވެ. ޙަމާސުން ބުނީ، މަޝްވަރާތަކުގައި ޔަހޫދީން ގިނަ ހުރަސްތަކެއް ކުރިމަތި ކުރަމުންދާ ކަމުގައެވެ. އަދި، ގޮތްދޫކުރުމަށް އިންކާރު ކުރަމުންދާ ކަމުގައެެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ ނުރަސްމީ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރުންނެވެ. އަދި، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ބައިވެރިވުމާ އެކުގައެވެ. މި ވަގުތު މަޝްވަރާ ކުރަމުން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން ހުށަހަޅުއްވާފައިވާ ހުށަހެޅުމަށެވެ. މިއީ، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ޙަމާސަށް ދޭނެ އެންމެ ފަހު ފުރުޞަތު ކަމުގައި ވިދާޅުވެ، ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.
ޙަމާސުން ބުނީ، މަޝްވަރާތަކުގައި އަދިވެސް ދެބަސްވުންތައް އުފެދިފައިވާ ގިނަ މައްސަލަތަކެއް ހުރި ކަމުގައެވެ. އޭގެ ތެރޭގައި، ޣައްޒާގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔަހޫދީން އިންކާރު ކުރުން ހިމެނެއެވެ. މީގެ އިތުރުން، އެ ސަހަރަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ސިފައިން ބޭލުމަށް ވެސް ޒަޔަނިސްޓުން ދަނީ ދެކޮޅު ހަދަމުންނެވެ. މިއީ، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް އޮތް އެންމެ ބޮޑެތި ހުރަސްތައް ކަމުގައި ޙަމާސުން ދެކެއެވެ.
ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ޔަހޫދީންނާއި އެމެރިކާއާ ދެމެދު ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ. ޖުލައި 9ވަނަ ދުވަހު ވެސް، ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ޓްރަމްޕާ ވޮޝިންގްޓަނުގައި ބައްދަލު ކޮށްފައެވެ. މީގެ އިތުރުން، އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގެ ކާމިޔާބީއާ މެދު މަޝްވަރާ ކޮށްފައިވާނެ ކަމުގައި ނަތަންޔާހޫ ބުންޏެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ނަތަންޔާހޫ ބުނީ، އެ ޤަތުލުޢާންމުގެ ލަނޑުދަނޑިތައް ހާސިލު ކުރެވިފައި ނުވާ ކަމުގައެވެ. މިއީ، ޙަމާސާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް އިންކާރު ކުރުމުގެ ގޮތުން ދައްކަމުންދާ ބަހަނާއެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
މި ވަގުތު ދަވްޙާގައި ކުރަމުންދާ މަޝްވަރާތަކާ ގުޅޭ ގޮތުން ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ޠާހިރް އަލް-ނޫނޫ ވިދާޅުވީ، މަޝްވަރާތައް ވަރަށް އުނދަގޫ ކަމުގައެވެ. ޙަމާސާ ގުޅުން އޮތް އެހެން މަޞްދަރަކުން ބުނީ، ހަތަރު ދުވަހުގެ މަޝްވަރާތަކަށް ފަހު ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ޤަބޫލު ނުކުރެވޭ ކަމުގައެވެ. ޙަމާސުން ބުނި ގޮތަށް، އެ ކަމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް އޮތް ހުރަސްތައް ނައްތައިލުމަށް ޔަހޫދީން އިންކާރު ކުރުން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވެސް ޤަބޫލު ކުރެއެވެ.